ޚަބަރު

ކޯވިޑްގައި އަނެއްކާވެސް ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ބަލީގައި ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 01:39ގައި ނިޔާވެފައިވަނީ 87 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިއާއެކު ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިހާރު މިވަނީ 93އަށް އަރާފައެވެ. މިބަލީގައި އިއްޔެ އެކަނިވެސް ރާއްޖެއިން 5 މީހުންވަނީ ނިޔާވެފައެވެ. އެ އެންމެނަކީވެސް ދިވެހިންނެވެ.

މިހާތަނަށް މިބަލީގައި ނިޔާވި 93 މީހުންގެ ތެރޭގައި ހިމެނެނީ 80 ދިވެހީންނާއި، 13 ބިދޭސީންނެވެ. ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައިވެސް 1400އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އަދި މިބަލީގެ އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 15،000އިން މައްޗަށް އަރާފައެވެ. މީގެތެރެއިން 290 މީހުންނަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިއީ މިހާތަނަށް މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު މިހާ އިތުރުވި ފުރަތަމަ ފަހަރެެވެ.