ޚަބަރު

ހޯރަފުށި ފެނުއަޑީގައި، ވައިގެ ދަތުރުވެސް ހުއްޓާލައިފި


މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން ހޯރަފުއްޓަށް ބާއްވާ ވައިގެދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ހޯރަފުށީގެ ރަށުތެރެއާ އެއަރޕޯޓް، ރަންވޭ، ޓަރމިނަލް އަދި އެއަރޕޯޓަށް ދަތުރުކުރުމަށް އޮންނަ ހައިވޭއަށްވެސްދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ހޯރަފުށީ އެއަރޕޯޓް ހިންގާ ރީޖަނަލް އެއަޕޯޓްސްއިން ވިދާޅުވީ ދަތުރުތަށް ވަގުތީގޮތުން ހުއްޓާލާފައިވަނީ ރަށަށް ވަރަށް ބޮޑަށް އުދަ އަރަމުންދާތީކަމަށެވެ. އެގޮތުން މޫސުން ގޯސްވެ ދިޔަވަރު ބޮޑުވުމާ ގުޅިގެން އެއަރޕޯޓް ހިމެނޭ ސަރަޙައްދާ، އެއަރޕޯޓަށް ދަތުރުކުރާ މަގު، މިވަގުތު ބޭނުން ނުކުރެވޭވަރަށް އުދައަރަމުންދާކަމަށެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، މިވަގުތަށް ވަގުތީގޮތުން ދަތުރުކުރުން ހުއްޓާލާފައިވާކަމަށެވެ. މޫސުން ގޯސްވެ އެކި ވަރުގެ ގެއްލުންތައް ލިބެމުން އަންނައިރު، ލިބުނު ގެއްލުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

"އެއަރޕޯޓްގެ ޓަރމިނަލް ސަރަޙައްދަށްވެސް އުދަ އަރަމުންދަނީ. އިއްޔެ ވިއްސާރައިގަވެސް ޓަރމިނަލްގެ ދޮރުތައް ވެއްޓި އެކި ގެއްލުން ވެފައިވޭ. މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މައްސަލަތަށް ދެނެގަނެ ޙައްލުކުރުމަށް." ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ލިބުނު ގެއްލުންތައް ދެނެގަންނަމުންދާކަމަށެވެ. ދަތުރުކުރެވޭވަރަށް މޫސުން ރަނގަޅުވުމުން މައްސަލަތައް ޙައްލުކޮށް، ވީހާވެސް އަވަހަށް ދަތުރުތަށް އަލުން ފަށާނެކަމަށެވެ.

ހޯރަފުށީގެ ޙާލަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ ހޯރަފުއްޓާ އެއަރޕޯޓާ ގުޅުވާލަދޭ ހައިވޭއަށް ކަމަށެވެ. އެގޮތުން ރާޅު އަރާ މުޅި ހައިވޭ ފެނުން ފޮރުވިފައިވާއިރު، މަގުގައި ހުރި ލައިޓްތައްވެސް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ.

"ހުއްޓުމެއް ނެތި އެބަ ރާޅު އަރާ. އެއަރޕޯޓްގެ ރަންވޭއަށްވެސް ރާޅާ ވެލި އަރަމުންދަނީ. ޓަރމިނަލަށް ރާޅުއަރާ. ހައިވޭގަ ހުރި ލައިޓްތައްވެސް ވެއްޓި ހަލާކުވަނީ." ވަހީދު ވިދާޅުވިއެވެ.

ހޯރަފުށީގެ ރަށުތެރެއަށްވެސް ދަނީ އުދަ އަރަމުންނެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ މަގުތަކުގައިވެސްވަނީ ފެންބޮޑުވެފައެވެ. ކައުންސިލާ ރައްޔިތުންނާ ރަށުގަތިބި ކަމާގުޅުންހުރި މުޢައްސަސާތަކުގެ އެހީއާއެކު ފެން ހިންދުމާ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އަދި އިތުރުއަށް އެހީތެރިކަން ދިނުމަށް އެމްއެންޑީއެފްގެ ޓީމެއްވެސް އެރަށަށް ދަތުރުކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާތީ، ކަނޑު ދަތުރަށްވެސްވަނީ ހުރަސްއެޅިފައެވެ.