ކުޅިވަރު

ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ބޮރޫޝިއާ ޑޯޓްމުންޑް ކާމިޔާބުކޮށްފި


ޖަރުމަން ޑީއެފްބީ ކަޕްގެ ޗެމްޕިއަންކަން ބޮރޫޝިއާ ޑޯޓްމުންޑް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޑޯޓްމުންޑް ހޯދީ ފައިނަލްގައި އާރްބީ ލިޕްޒިގް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މި މެޗް ޑޯޓްމުންޑުން ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ. ޑޯޓްމުންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ޖަހައިދިނީ ޖޭޑަން ސަންޗޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހައިދިނީ އަރލިންގ ބްރައުޓް ހާލަންޑެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑޯޓްމުންޑުން ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސަންޗޯއެވެ. މިލަނޑާއެކު ސަންޗޯ ވެގެން ގޮސްފައިވަނީ ޖަރމަން ލީގު ކަޕްގެ ފައިނަލްގައި ދެލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިމެޗްގައި ލިޕްޒިގުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 71 ވަނަ މިނެޓުގައި ޖަހައިދިނީ ޑާނީ އޮލްމޯއެވެ. އަދި މިމެޗްގައި ޑޯޓްމުންޑުގެ ފަހު ލަނޑު މެޗް ނިމެން ތިން މިނެތަށް ވެފައިވަނިކޮށް ޖެހީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ހާލަންޑެވެ.

މިއީ މިމުބާރާތުގެ ތަށި ޑޯޓްމުންޑުން އުފުލާލި ފަސްވަނަ ފަހަރެވެ. މިކާމިޔާބީއާއެކު ޑޯޓްމުންޑްގެ ކޯޗް އެޑިން ޓަރޒިޗްވަނީ މިމުބާރާތް ކާމިޔާބުކުރި ދެވަނައަށް އެންމެ ޒުވާން ކޯޗަށް ވެގެން ގޮސްފައެވެ. ލިޕްޒިގްގެ ކޯޗް ޖޫލިއަން ނާގެލްސްމަން މިއަންނަ ސީޒަންގައި ބަޔާން މިޔުނިކްގެ ކޯޗް ކަމާއި ހަވާލުވުމަށް ތައްޔާރުވެފައިވުމުގެ ސަބަބުން މިއީ ލިޕްޒިގާއި ވަކިވެގެންދާއިރު އެޓީމަށް ތަށްޓެއް ހޯދައިދިނުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ. ނަމަވެސް އެކަން އޭނާއަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.