ކުޅިވަރު

ސާބާ މުބާރާތް މިއަހަރު ރާއްޖޭގައި ނުބާއްވާނެ - ވިޝާމް


ސާބާ ޗެންޕިއަންޝިޕް ބާސްކެޓް މުބާރާތް މިއަހަރު ދެން ނުބާއްވާނެކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން ބުނެފިއެވެ. ސާބާ ބާސްކެޓް މުބާރާތަކީ މިސަރަހައްދުގެ ގައުމްތަކުގައި ކުޅޭނޭ އެންމެ ފޯރިގަދަ އެއް ބާސްކެޓް މުބާރާތެވެ.

މިއަހަރުގެ މުބާރާތް ޖުލައި މަހުގައި ރާއްޖޭގައި ބޭއްވުމަށް ތާވަލްކޮށްފައިވީނަމަވެސް، ކޯވިޑް-19ގެ ސަބަބުން މިއަހަރުގެ މުބާރާތް މިހާރު ކުރިއަށް ނުގެންދެވޭނެކަމަށް މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވިއެވެ. އާންމު ގޮތެއްގައި ސާބާ މުބާރާތް ހޯސްޓް ކުރަމުން އައިސްފައިވަނީ ބަންގްލަދޭޝާއި ރާއްޖެއިންނެވެ. މިއަހަރުގެ މުބާރާތް ބޭއްވުމާއި މެދު ސުވާލް އުފެދިފައިވާއިރު، އިންޑިޔާ އާއި ބަންގްލަދޭޝްގައި ކޯވިޑް-19ގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އަދި ރާއްޖޭގައި މިހާރު ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ.

މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ ހަމައެކަނި ކޮވިޑް-19 އިން ރައްކާތެރިވެގެން މުބާރާތް ކުރިއަށް ނުގެންދެވޭނެކަމަށާއި ކޯވިޑްގެ ސަބަބުން މާލީ ގޮތުންވެސް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާއިރު، ސާބާ ފަދަ ބޮޑު މުބާރާތެއް ކުރިއަށްގެންދިއުމަށް ވަރަށް ގިނަ ހަރަދު ހިގާނެކަމަށެވެ. އަދި މިދަނޑިވަޅުގައި މިފަދަ ބޮޑު ހަރަދެއް ކުރުމަކީ އެންމެ ބުއްދިވެރިކަމަކަށް ނުވާނެކަމަށްވެސް ވިޝާން ވިދާޅުވިއެވެ. ނަމަވެސް އަހަރުގެ ފަހުކޮޅުގައި ސޯޝަލް ސެންޓަރުގެ ލިބޭ މިންވަރަށްބަލައި، ސާބާ މުބާރާތް ބޭއްވޭނެ މަގު ތަނަވަސް ވެއްޖެނަމަ، މިއަންނަ އަހަރު މުބާރާތް ބޭއްވުމާމެދު ވިސްނާނެކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.