ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ ކާފިއު ވަގުތު އިތުރުކޮށް، އިތުރު 2 ރަށެއްގައި ކާފިއު ޢިއުލާންކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއުސޫލަށް ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންކަމަށެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާރު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ ކާފިއު ވަގުތު އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާހަމައަށް ކާފިއުގެ ވަގުތު އިތުރުކޮށްފައިވާކަމަށެވެ. މިއާއެކު ވަނީ އައްޑޫގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ފުވައްމުލަކުގައިވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
✳️ ކޯވިޑް-19 އިން ރައްކައުތެރިވުމަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމަށް ބަދަލުގެނައުން.
— Health Protection Agency (@HPA_MV) May 12, 2021
އެންގުން ނަންބަރު: 47/2021https://t.co/5KweskRhAF
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ގދ.ތިނަދޫއާއި ފ.ނިލަންދޫގައި ކާފިއު އިއުލާންކުރަންވެސް ވަނީ ނިންމާފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން އެ ދެރަށުގައި ކާފިއު ޢިއުލާންކޮށްފައި ވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާއި ހަމައަށްކަމަށެވެ.
✳️ ކޯވިޑް-19 އިން ރައްކައުތެރިވުމަށް ގ.ދ ތިނަދީއާއި ފ.ނިލަންދޫގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން.
— Health Protection Agency (@HPA_MV) May 12, 2021
އެންގުން ނަންބަރު: 48/2021https://t.co/m0sLGxw9m4
ކާފިއު ވަގުތުގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުމާއި ކެފޭ ރެސްޓޯރެންޓުގައި ތިބެގެން ކެއިންބުއިމުގެ ކަންކަން ކުރިއަށްގެންދިޔުން މަނާވާނެއެވެ. ކާފިއު ވަގުތުގައި މިފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ޢާއްމުކޮށް ގޮސްގެން ޚިދުމަތް ހޯދާ ހުރިހާތަނެއް ބަންދުކުރުމަށް އަންގާފައިވާއިރު ފިހާރަތަކުން އެޗްޕީއޭގެ މިންގަނޑާއެއްގޮތަށް ޚިދުމަތް ދެވޭނެކަމަށް އެއޭޖެންސީއިން ވިދާޅުވެއެވެ.
ކާފިއު ގަޑިތަކުގައި ޢާއްމުކޮށް ބޭރުގައި އުޅުން މަނާކަމުގައިވީނަމަވެސް ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގައި މަސައްކަތްކުރާ ފަރާތްތައް މީގެތެރެއިން އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ފުލުހުންނާއި ސިފައިންނާއި ސިއްޙީ އެހީތެރިންނާއި ރަށްރަށުގެ ކޯވިޑް ޓާސްކް ފޯސްގައި ޙަރަކާތްތެރިވާ ފަރާތްތައް އިސްތިސްނާވާނެއެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެއާއި ރަށްރަށުގައި ކާފިއު ވަގުތުތައް ކަނޑައަޅާފައިވާއިރު މިނޫން ގަޑިތަކުގައި ބޭރުގައި އުޅޭއިރުވެސް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ކޯވިޑް ކޭސްތައް އިތުރުވެ މިވަގުތުވެސް ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުއްޓާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި އަންނަނީ ކާފިއު ހިންގަމުންނެވެ. ބުރާސްފަތި ދުވަހުން ފެށިގެން ފ.ނިލަންދޫއާއި ގދ.ތިނަދޫގައިވެސް ކާފިއު ކުރިއަށްގެންދިޔުމަށް މިހާރުވަނީ ނިންމާފައެވެ.