ސިއްހަތު

މީހުން ދިރިއުޅޭ ހުރިހާރަށަކުން ޑޮކްޓަރީ ބޭސް ލިބޭ


ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު މިއަދު ފުރޭއިރު، ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވަޢުދު ކަމަށްވާ، ކޮންމެ ރަށެއްގައި ޑޮކްޓަރީ ބޭސް ފޯރުކޮށްދެވޭނެ އަވަސް ނިޒާމެއް ޤާއިމުކުރުމުގެ ވައުދު ވަނީ ފުއްދަވާފައެވެ.އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ  ކޮންމެ ރަށެއްގައި އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރަ ގާއިމްކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ސިއްްޙީ ދާއިރާގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރަ ޤާއިމްކުރުމަކީ، ސަރުކާރުގެ ވަޢުދަކަށް ވީހިނދު، މި ވަޢުދު މިއަދު މިވަނީ ފުއްދަވައިދެއްވާފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި އެސްޓީއޯއާއި އެކު އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ދިޔައީ މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.އަދި މި މަޝްރޫޢު ފެށިތާ 16 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީ ޤާއިމްކޮށް ނިންމާލާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން އާސަންދައިގެ ޚިދުމަތްދޭ އެސްޓިއޯގެ 177 ފާމަސީ ރާއްޖޭގައި ޤާއިމް ކޮށްފައިވެއެވެ.  މި 177 ފާމަސީއާއި، ކުރިން ހުރި 9 ފާމަސީއާއިއެކު ޖުމްލަަ 186 ފާމަސީއެއް މިހާރު ރާއްޖޭގައި ޤާއިމުކޮށް، ޚިދުމަތް ދެމުންދާކަމަށް އެސްޓިއޯއިން މަޢުލޫމާތުދެއެެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ހެލްތް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގެ ދަށުން ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއިން ގިނަ ގުނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާކަމަށެވެ.ރާއްޖޭގައި ޤާއިމްކޮށްފައިވާ ފާމަސީތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، މި ފާމަސީތައް ޤާއިމްކޮށްފައިވަނީ ސަރުކާރުގެ މެނިިފެސްޓޯގައިވާ މުއްދަތަށްވުރެވެސް އަވަހަށްކަަމަށެވެ. ކޮންމެއަކަސް މީީ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑުފަސޭހައަކަށްވާ އެއް ސަބަބަކީ، މީގެ ކުރިން ރޯގާ ނުވަތަ ހުންޖެހިގެން ރަށުގައި ހުންނަ ހެލްތް ސެންޓަރަކަށް ދެއްކުނަސް، ޑޮކްޓަރު ދެއްވާ ބޭސް ސިޓީއަށް ބޭސްނެގުމަށް، އަގުދީފައި ކައިރީގައި އޮންނަ ރަށަކަަށް ދާންޖެހުމަކީ ނުހަނު ދަތިތަކާ ކުރިމާތިލާންޖެހޭ ކަމަކަށް ވެފައިވެއެވެ. އެހެންނަމަވެސް ހެލްތް މިނިސްޓްރީއާއި އެސްޓިއޯ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ޤާއިމް ކުރުމުގެ ސަބަބުން އަމިއްލަ ރަށުގައި ހުރެގެން ބޭސް ލިބޭނެގޮތް މިއަދު މިވަނީ ހަމަޖެހިފައެވެ.މީގެ އިތުރުން ފާމަސީތައް ޤާއިމްކުރެވިގެން ދިއުމާއިއެކު ޒުވާންނުންނަށް ވަނީ ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވެފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 500 އެއްހާ ވަޒީފާ އުފެއްދިގެންދިިޔަކަމަށް އެސްޓިއޯއިން މައުލޫމާތުދެއެެވެ. މިއީ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ މަގުތަނަވަސް ވެގެންދިޔަކަމެކެވެ. ކޮންމެއަކަސް މިކަމުން ދިވެހި ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެން ހިނގައްޖެކަން ޔަޤީންނެވެ.