ސިއްޙީ ކަންކަމާއި މިދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުންނާއި ފޫޅުމައިންގެ ބައިވެރިވުން އިތުރުވެފައިވާކަމަށް މޯލްޑިވްސް މިޑްވައިފަރީ އެންޑް ނަރސިންގ ކައުންސިލްއިން ވިދާޅުވެއްޖެއެވެ. އެކައުންސިލުން މިހެން ވިދާޅުވީ މިއަޖހަރުގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12ވަނަ ދުވަހަކީ ބައިނަލްއަށްވާމީގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ.
ރާއްޖެއަށް ބަލާއިރު ރާއްޖޭގެ މުޅި ސިއްޙީ ޚިދުމަތުގެ %50އަކީ ނަރުހުންނެވެ. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 3600އަށްވުރެ ގިނަ ނަރުހުން ރާއްޖޭގައި އަންނަނީ މަސައްކަތްކުރަމުންނެވެ. ނިސްބަތުން ބަލާއިރު ރާއްޖޭގައި ދިވެހި ނަރުހުން މަސައްކަތް ކުރާ މިންވަރު އިތުރުވަމުން އަންނަކަމަށް ދައްކައެވެ. އެގޮތުން ރާއްޖޭގައި މިހާރު ޚިދުމަތްދޭ ނަރުހުންގެ %57އަކީ ދިވެހި ނަރުހުންނެވެ.
މުޅި ސިއްޙީ ނިޒާމުގައިވެސް، ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ނަރުހުންނެވެ. ޑޮކްޓަރުންގެ އިރުޝާދަށް ބަލިމީހުން ހޮސްޕިޓަލްގައި ހޭދަކުރާ ކޮންމެ ވަގުތެއްގައި، ބަލިމީހުން ބެލެހެއްޓުމުގެ ބޮޑު ޒިންމާއެއް އޮންނަނީ ނަރުހުންގެ ކޮނޑުގައެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ "ނަރުހުން- ކުރިމަގުގެ ޞިއްޙީ ޚިދުމަތުގެ ތަޞައްވުރުގައި އިސްނަގާނޭ އަޑެއް" މިއެވެ. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްއިން ވިދާޅުވީ ކުރިން މާބޮޑު ސަމާލްކަމެއް ނުދެވި އޮތް މިދާއިރާގެ އަޑު މަޑުމަޑުން ގަދަވަމުން އަންނަކަމަށެވެ. ޞިއްޙީ ކަންކަމުގައި ނަރުހުންނާއި މިޑްވައިފުން ޙިއްޞާވާ މިންވަރު އިތުރުވަމުންދާކަމަށެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާއާއި ނަރުހުންނާ ގުޅޭގޮތުން ހަދާ ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުންނާ މިޑްވައިފަރުންގެ ބައިވެރިކުރުން އިތުރުވަމުންދާކަމަށެވެ.
މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޯވިޑް-19ގެ ޙާލަތާއެކު ނަރުހުންގެ ދައުރުވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ. ސާމްޕަލް ނެގުމާ، ފެސިލިޓީތަކުގައާ ބަލިމީހުންނަށް ގާތުން ދޭންޖެހޭ ފަރުވާގަވެސް އެންމެ އިސް ބަޔަކީ ނަރުހުންނެވެ. މި ބަލިމަޑުކަމުގެ ތެރެއިން، ނަރުހުންގެ މަސައްކަތްތަކަށް އިތުރުކުރިއެރުން ލިބުމާއި، ޚިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އެހީގައި އައު ކަންކަން ތަޢާރަފް ވެގެން ގޮސްފައިވާކަން ކައުންސިލް ފާހަގަކުރެއެވެ.
މިއީ ރަނގަޅު ކުރިއެރުމެއްގެ ގޮތުގައި ދެކޭކަމަށާ، ނަމަވެސް ނަރުހުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރުރަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރުވެސް މިދާއިރާއަކީ އަބަދުވެސް އެންމެ ގިނަ މުޢައްޒަފުން ބޭނުންވާ އެއް ދާއިރާއެވެ. މިހާރު ރާއްޖޭގައި ނަރުހުންނާ މިޑްވައިފުންގެ ގޮތުގައި %43 ބިދޭސީން މަސައްކަތް ކުރަމުން އަންނައިރު، މިދާއިރާއަށް ދިވެހިން އިތުރުކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.
އެގޮތުން ތަޢުލީމީ ނިޒާމުގެ އިސްނެންގެވުމާއެކު ނަރުހުން އިތުރުކުރުމުގެ ޕްރޮގްރާމްތައްވަނީ ފަށާފައެވެ. ކައުސިލުން ވިދާޅުވީ މިދާއިރާއިން ދިވެހިން ނެރުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެނަމުންދާކަމަށެވެ. ކުރިއަށްއޮތް 4ވަތަކަށް އަހަރުގެ ތެރޭގައި މި ދާއިރާއަށް ގިނަ ދިވެހި ނަރުހުންތަކެއް ނެރެވޭނެކަމަށް ޤައުމީ ޔުނިވަރސިޓީގެ ނަރސިންގ ސްކޫލުންވެސް ފާހަގަކުރެއެވެ.