ޚަބަރު

ޓެރަރިޒަމަށް ހިތްވަރުދޭ މުވައްޒަފުންނާމެދު ފިޔަވަޅުއަޅަނީ!


ޓެރަރިޒަމްގެ ކުށްތަކާއި އެފަދަ ކުށްކުށަށް ހިތްވަރުދޭ ސިވިލް ސަރވިސް މުވައްޒަފުންނާމެދު ފިޔަވަޅުއަޅާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙު ސޮއިކުރައްވައި ނެރުއްވާފައިވާ ސަރކިއުލަރއެއްގައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާކޮށްފައިވާ މިފަދަ އެއްވެސް ޢަމަލެއްކުރުން ނުވަތަ އެފަދަ ކަމަމަކަށް ހިތްވަރުދޭ ޢަމަލެއްކޮށްފިނަމަ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަ ބަލައި އެފަދަ މީހުންނާމެދު އިދާރީ ފިޔަވަޅު އަޅާނެކަމަށެވެ.

މި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ޓެރަރިޒަމްގެ ޢަމަލެއް ކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި އެއްވެސް ސިފައެއްގައި އެފަދަ ޢަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުންނާ ނުސީދާގޮތުންވިއަސް، ޓެރަރިޒަމްގެ ޤާނޫނުން މަނާކުރާކަމަށް ހިތްވަރުދޭ ޢަމަލެއް ކުރާނަމަ އެމައްސަލައެއް ބަލާނެކަމަށެވެ.

މީގެތެރޭގައި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް މުވައްޒަފުން ބޭނުންކުރުމުގައާއި މުޖުތަމަޢުގައި އުޅޭ އުޅުމުގައިވެސް ޓޭރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ ކަންކަން ހިމެނެއެވެ. ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދިނުމުގެ ގޮތުން ބޭނުންކުރާފަދަ ބަސްތައް ބޭނުންކުރުމާއި އެފަދަ ފޮޓޯއާ ނުވަތަ ވީޑިއޯ އާއްމުކުރުމާއި ޓެރަރިސްޓް ޖަމާތްތަކަށް ތާޢީދުކުރާކަން ދޭހަވާފަދަ އެއްވެސް ޢަމަލެއް ސިވިލް ސަރވިސް މުވައްޒަފުން ނުހިންގުމަށްވަނީ އަންގަވާފައެވެ.

ސަރކިއުލަރގައި ހިމެނޭ ކަންކަމަށް ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރަމުން ގެންދިއުމާއި، ސަރިކިއުލަރއާ ޚިލާފުވާ ސިވިލް ސަރވިސް މުވައްޒަފުންނާމެދު ސިވިލް ސަރިވިސްގެ ޤާނޫނާ އެއްގޮތަށް މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް އެކި ޕްލެޓްފޯމްގައި ވާހަކަދައްކާ ފަރާތްތައް ހޯދާ އެފަދަ މީހުންނާމެދު، ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސްވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ޢަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންވެސް މިފަދަ ޢަމަލުތަކެއް ފެނިފައިވާތީ، އެ މީހުން ހޯދައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންވަނީ ދެއްވާފައެވެ.