ޚަބަރު

ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަތް ތަކެތި ދޫކުރަން ފަށައިފި


މިއަހަރުގެ ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް މިއަދު ދޫކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ފިޠުރުޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އަލަށް އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްކަކަށް ކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް ދޫކުރުން އޮންނާނީ މިއަދު 10:00އިން ހަވީރު 15:30އާ ހަމައަށެވެ. އަދި ޒަކާތް ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ. ޒަކާތް ދޫކުރާނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތުގެ އައި.ޑީ ކާޑު، ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓިފިކެޓުގެ އަސްލު ގެނައުންމުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 2،251 މީހަކު ގޮވާމުން ޒަކާތް ދައްކާފައިވާކަމަށެވެ. އަދި 6096.27 ކިލޯގްރާމުގެ ގޮވާން ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާކަމަށެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ކާފިޢު އިޢުލާންކޮށްފައިވާތީ، ލަސްނުކުރައްވައި ފިޠުރު ޒަކާތާ ޙަވާލުވުމަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

1442 ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ މިމަހުގެ 4އިން 11އަށެވެ. ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެކެވެ. އެގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީން ބަލައިގަނެފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.