ކުޅިވަރު

މެޗް ކުޅުނު ނަމަ، އީގަލްސްއަށް ފުރުސަތު ބޮޑުވާނެ - ޝާޒްލީ


އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ މެޗް ރަށުން ބޭރުގައި ކުޅެންޖެހިއްޖެނަމަ އެއީ ކުލަބް އީގަލްސްއަށް ލިބޭނެ ގެއްލުމެއްކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ހާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗް ކުޅުމަށް އިންޑިޔާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިމަހުގެ 11ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗް ކެންސަލްކުރަންންޖެހުނީ ބެންގަލޫރު އެފްސީ ޓީމުގެ ބައެއް ކުޅުންތެރިން އެޗްޕީއޭ އާއި އޭއެފްސީން އެކުލަވައިލި ގައިޑްލައިނާ ޚިލާފުވުމުންނެވެ. އެޓީމުގެ ބައެއް ކުޅުންތެރިންވަނީ ހޮޓަލުން ބޭރަށް ނުނިކުމެވޭނެކަމަށް ބުނެފައިވަނިކޮށް، ހޮޓަލުން ބޭރަށް ނިކުމެ މާލޭގެ މަގުމަތީގައި އުޅެނިކޮށް ފެނިފައެވެ. އަދި އެކުޅުންތެރިންގެ ފޮޓޯތައްވަނީ ޝޯޝަލް މީޑިޔާގައިވެސް ދައުރުވެފައެވެ. ބެންގަލޫރު އެފްސީ އާއި ކުލަބް އީގަލްސް ކޭންޕްކޮށްފައިވަނީ ހޮޓަލް ޖެންގައެވެ. މިދެ ޓީމްގެ ކުޅުންތެރިން ކޯވިޑް-19 އަށް ކުރި ޓެސްޓްތައް ވަނީ ނެގެޓިވް ވެފައެވެ.

އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާ ބެންގަލޫރުގެ ބައެއް ކުޅުންތެރިން ހިލާފުވުމުން ޔޫތު މިނިސްޓަރ މަހުލޫފް ވަނީ މިއީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި އިންޑިޔާގެ ޓީމު ފުރަން ގޮވާލައިފައެވެ. އަދި އޭއެފްސީ ކަޕްގައި މާލޭގައި ކުޅެން ހަމަޖެހިފައިވާ ގުރޫޕްގެ މެޗްތައް ފަސްކޮށްދިނުމަށް އެފްއޭއެމްގައި އެދިފައެވެ. މިއާއެކު އެފްއޭއެމުން ވަނީ އޭއެފްސީގައި ބެންގަލޫރު އެފސީއަށް ފިޔަވަޅު އަޅައި، ގުރޫޕް ސްޓޭޖްގެ މެޗްތައް ފަސްކޮށްދިނުމަށް އެދިފައެވެ.

ފަހުން އޭއެފްސީއިންވަނީ ގުރޫޕް ސްޓޭޖާއި، ކޮލިފައިން މެޗްތައް ފަސްކޮށް، ބެންގަލޫރުއިން އަމިއްލައަށް ފުރުމުގެ ކަންތައްތައް ހަމަޖައްސައިގެން، ރާއްޖޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަނބުރާ އިންޑިޔާއަށް ފުރުމަށް އަންގާފައެވެ. މިއަހަރު ފެށުނީއްސުރެއް ރާއްޖޭގެ މާޒިޔާ އާއި ކުލަބް އީގަލްސްއިން ދިޔައީ މުބާރާތައް ވަރަށް ރަގަނޅަށް ތައްޔާރުވަމުންނެވެ. މިގޮތުން ދެ ޓީމުން ވެސް ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފައިވެއެވެ.

ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ކޮލިފައިން މެޗަށް ވާނެ ގޮތެއް ނޭނގުމަކީ މިހާރު ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި، ޓީު އެހާ ރަގަނޅަށް ތައްޔާރުވެފައި އޮއްވާ މެޗް ކެންސަލްވުމަކީ ޓީމަށް ލިބިގެންދިޔަ ގެއްލުމެއްކަމަށެވެ.

ފުޓްބޯޅައިގެ ބައެއް ތަޖްރިބާކާރުން ބުނީ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ކުރި ކަމެއްގެ ސަބަބުން މުޅި ކުލަބަށް އަދަބު ދިނުމަކީ އެންމެ ރަގަނޅު ގޮތް ނޫންކަމަށާއި އެކުޅުންތެރިން ސަސްޕެންޑްކޮށްފައި މެޗް ކުރިއަށްގެންދިޔަނަމަ، ކުލަބް އީގަލްސްއަށް މެޗުން މޮޅުވެގެން ގުރޫޕުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުވީސްކަމަށެވެ. މިފަދަ ކަމެއް ސައުދި އަރަބިއްޔާގައި ހިގާފައިވާއިރު، އޭއެފްސީއިން ވަނީ ގައިޑްލައިނާއި ހިލާފުވި ކުޅުންތެރިންނަށް ފިޔަވަޅު އަޅާައި އެމެޗުގައި އެކުޅުންތެރިންނަށް ނުކުޅެވޭ ގޮތް ހަދާ، މެޗް ކުރިއަށްގެންގޮސްފައެވެ. ސައުދި އަރަބިއްޔާގައިވެސް މާޗް މަހުގައި ކޯވިޑް-19ގެ ކޭސްތައް ދަށްވި ނަމަވެސް މިހާރު އެ ގައުމްގައިވެސް ކޯވިޑް-19ގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ.


ފުޓްބޯޅައިގެ ބައެއް ތަޖްރިބާކާރުންބުނީ ފުޓްބޯޅައަކީ ބައެއް ފަހަރު ދަނޑު ބޭރުން ވިސްނަންޖެހޭ ކުޅިވަރެއްކަމަށާއި ބެންގަލޫރު ޓީމުން ބޭރަށް ނިކުމެފައިވަނީ އެޓީމުގެ އެންމެ މުހިންމު ބިދޭސީ 3 ކުޅުންތެރިންނަށްވާއިރު އެކުޅުންތެރިންނަށް ފިޔަވަޅުއަޅައި މެޗް ކުރިއަށް ގެންދިޔަނަމަ، ރާއްޖޭގެ ކުލަބް އީގަލްސްއަށް މާ ފައިދާ ބޮޑުވީސްކަމަށެވެ. އަދި ގުރޫފް ސްޓޭޖުގައި މާޒިޔާއިން ވާދަކުރާ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންގެ މުހިންމު ބައެއް ކުޅުންތެރިން ކޯވިޑް-19އަށް ފައްސިވެފައިވުމާއެކު، އެޓީމަށްވެސް އެންމެ ވަރުގަދަ ޓީމް ނެރުމަށްވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ. ދެން މިގުރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. ދުނިޔޭގެ ފުޓްބޯޅައިވެސް މިފަދަ ކަންކަން ހިނގައި އޭގެ ފައިދާ ކުލަބްތަކުން ނެގުމަކީ އާންމު ކަމެކެވެ. މިއީ މިފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމުތަކަށް އެންމެ ރަގަނޅު ނަތީޖާ ނެރެން ލިބުނު ފުރުސަތު މިގެއްލުނީކަމަށްވެސް ބައެއް ތަޖްރިބާކާރުން ބުނެއެވެ. އަދި ބަންގަލޫރުގެ ބައެއް ކުޅުންތެރިން ކުރި ކަމެއްގެ އަދަބު މުޅި ޓީމަށް އޭއެފްސީއިން ދޭނެކަމާމެދުވެސް މިހާރު ވަނީ ސުވާލް އުފެދިފައެވެ.