ޚަބަރު

ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިންއަށް


ކުޅުދުއްފުށި ފުލޫ ކްލިނިކްގެ އޯޕީޑީއަށް ދެއްކި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށިން ފުލޫ ކްލިނިކް އޯޕީޑީއަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހުވެސް ކުޅުދުއްފުށިންވަނީ ކޯވިޑް-19 އަށް ތިންމީހުން ޕޮޒިޓިވުވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ނަމަވެސް އޭގެފަހުން ނެގުނު ހުރިހާ ސާމްޕަލްއެއް ނެގެޓިވުވުމާއި ގުޅިގެން ކުޅުދުއްފުށިވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވަމުން އަންނައިރު މިމަސް ފެށުނީއްސުރެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500އިން މަތީގައެވެ. އަދި ވޭތުވެދިޔަ 2 ރޭވެސް ޕޮޒިޓިވްވާ މިންވަރު ހުރީ 1000އިން މަތީގައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި އެގާރަހާހަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 247 މީހަކަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން ބައެއް މީހުންގެ ޙާލަތު ވަރަށް ސީރިއަސް ކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ. އަދި މީގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ގިނަކަންވެސް އެސެންޓަރުން ފާހަގަކުރައްވައެވެ.