ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރައްވާފައިވާ ގޮތުގައި ވިސާދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ހަމަޖެހިފައިވަނީ މިމަހުގެ 13ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ބުރާސްފަތި ދުވަހުން ފެށިގެން މިއުސޫލަށް ޢަމަލުކުރުމަށް ނިންމާފައިވާއިރު މިއުސޫލު އުވާލާނެ މުއްދަތެއް ނުވަތަ މިފިޔަވަޅުއަޅަން ނިންމާފައިވަނީ ކިހާ މުއްދަތަކަށްކަމެއް އެޗްޕީއޭއިން ހާމަކުރައްވާފައެއް ނުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާ ގުޅިގެން މިދިޔަ އަހަރުތެރޭގައި ރާއްޖޭގެ ބޯޑަރ ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.
ދެކުނު އޭޝިއާގެ ތެރެއިން އެންމެ ނުރައްކާތެރި ޙާލަތެއްގައި އޮތީ އިންޑިއާއެވެ. އަދި ބަންގްލަދޭޝާއި ޕާކިސްތާނާއި ނޭޕާލްގެ އިތުރުން ސްރީލަންކާއާއި އަފްޣާނިސްތާނުގެ ޙާލަތުވެސް އަންނަނީ ގޯސްވަމުންނެވެ.
13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުން
— Health Protection Agency (@HPA_MV) May 11, 2021
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިވުމުގެ ގޮތުން އަޅާފިޔަވަޅުތައް އެޗްޕީއޭއިންވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދުގައި ހަވީރު 4:00ން ފަތިހު 4:00 ކަރފިއުވަނީ އިޢުލާންކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށްވެސްވަނީ އަންގާފައެވެ. އަދި ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިންބުއިމުގެ ކަންކަން ކުރިއަށްގެންދިޔުންވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ކެފޭ ރެސްޓޯރެންޓްތަކުން ޑެލިވަރީގެ ޚިދުމަތް ފުލުހުންގެ ހުއްދައާއެކު ދެވޭނެ ކަމަށާއި ކާފިއު ނޫންގަޑިތަކުގައި ޓޭކްއަވޭގެ ޚިދުމަތްވެސ ދެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިއުސޫލާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވަނީ ނިންމާފައެވެ.