މިއަހަރުގެ ފިޠުރު ޢީދުގެ ބޮޑުޖަމާޢަތް މިއަހަރު ނުބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ މިގޮތަށް ނިންމަވާފައިވަނީ މާލެ ސަރަޙައްދުގައިކަމަށެވެ. މާލެ ސަރަޙައްދުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނީ ގައިދުރުކަމާއެކު މިސްކިތްތަކުގައިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން އަތޮޅުތަކުގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ ރަށްރަށުގައިވެސް ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ނުބާއްވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
އެހެންނަމަވެސް ކޯވިޑްގެ ކޭސްތައް ނެތް ޢާއްމު ޙާލަތުގައިވާ ރަށްރަށުގައި ފިތުރު ނަމާދު ކުރާނެގޮތް އެރަށެއްގެ ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ފިތުރު ނަމާދުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ކައުންސިލުން ނިންމާނަމަ އެފަދަ ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިތުރު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދިޔުމާ ގުޅިގެން އެޗްޕީއޭއިންވަނީ މިހާރު ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޢާއްމުކޮށް މީހުން އެއްވެ އުޅުން މަނާކޮށްފައިވާއިރު މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސްވަނީ ކާފިއު އިއުލާންކޮށްފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި ނަމާދުކުރުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށްވަނީ އަންގަވާފައެވެ. އަދި ހަމަ އެއާއެކު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ޢުމުރުން ދުވަސްވީ މީހުން މިސްކިތަށް ގޮސްގެން ނަމާދުކުރުމުގެ ބަދަލުގައި ގޭގައި ނަމާދުކުރުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.
ކޯވިޑްގެ ކޭސްތައް މާލެ ސަރަޙައްދުގައި މަދުވެ ވެކްސިންގެ ދެޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ދެވޭ ލުއިއެއްގެ ދަށުން ޢީދު ބަންދާ ދިމާކޮށް ރަށްރަކަށް ދިޔުމުގެ ފުރުސަތު ލިބޭނެކަމަށް ގިނަބަކު އައީ އުންމީދުކުރަމުންނެވެ. އެހެންނަމަވެސް ރަމަޟާން މަހުގެ މެދަކާ ހިސާބަށް އައިއިރު މާލެއާއި އަތޮޅުތަކުން ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވެ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ 500 ހުރަސްކޮށްފައެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.