ޚަބަރު

ގޮދަންފުށުން ހަރުއެތިކޮޅުތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި


ރާއްޖޭގައި ވިއްކަމުންދާ ގޮދަންފުށުގެ ޝިޕްމަންޓެއްގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް ހުރިކަމަށް ތަޙުލީލުތަކުން ފާހަގަކުރެއްވުމުން، އެ ފުށް ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ. އެ އޮތޯރިޓީން ނެރުއްވ ބަޔާނެއްގައި ވިދާޅުވެފައިވަނީ ގޮދަން ފުށުގެ ލޮޓް ނަމްބަރު 2015348 ނަމްބަރު ފުށުގެ އަޞްލު ޒާތުގައި ހުރެގެން ނުވާނެފަދަ ހަރު އެތިކޮޅުތަކެއް ހުރިކަމަށް އެއޮތޯރިޓީއަށް ކަށަވަރުވެފައިވާ ކަމަށެވެ. މިކަން އިތުރަށް ދިރާސާކުރެއްވުމަށް ފުށުގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުއްވައިގެން ތަޙުލީލުކުރެއްވުމުގެ މަސައްކަތް އެއޮތޯރިޓީން ކުރަމުންދާ ކަމަށާއި، ފުށުގައި އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ އެފުށެއް ބޭނުން ނުކުރުމަށާއި، އަދި ވިއްކުމަށްވެސް ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ. ގޮދަން ފުށުގެ ލޮޓް ނަމްބަރު 2015348 ފުށުގެ ޝިޕްމެންޓްގެ ފިޔަވައި އެހެން ޝިޕްމެންޓެއްގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.މިކަމާއި ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯއިން ބުނީ، އެކުންފުނިންވެސް ލޮޓް ނަމްބަރު 2015348 ފުށުގެ ޓެސްޓުތައް ކުރަން ފޮނުވާފައިވާކަމަށެވެ. އަދި އެކުންފުނިން ވިއްކާފައިވާ ލޮޓް ނަމްބަރު 2015348 ފުށް ބަސްތާ ބަދަލުކުރަން ބޭނުންފުޅުވާ ބޭފުޅުން އެސްޓީއޯ ސްޓޭޕަލް ފުޑްސް އަދި ރީޖަނަލް ފިހާރަތަކުން އެކަން ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ.