ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ވަޔަރލެސް އާލާތްތައް އިންޑިއާއަށް އެތެރެކުރުން މަނާކޮށްފި


ޗައިނާއިން އުފައްދާ ވަޔަރލެސް އާލާތްތައް އިންޑިއާއަށް އެތެރެކުރުން އެޤައުމުން މަނާކޮށްފިއެވެ.

މިގޮތުން ޗައިނާއިން އުފައްދާ ލެޕްޓޮޕް، ސްމާރޓްފޯނު، ސްމާރޓްގަޑި، ވަޔަރލެސް އިއަރފޯން ބްލޫޓޫތް ސްޕީކަރ ފަދަ އާލާތްތައް އެތެރެކުރުން އިންޑިއާއިން ވަނީ މަޑުޖައްސާލާފައެވެ. މީގެ ސަބަބުން އެމެރިކާގެ ޑެލް، އެޗްޕީ، ޗައިނާގެ ޒިއޯމީ، އޮޕޯ އަދި ލެނޯވޯގެ އުފެއްދުންތައް މުހިންމު މާކެޓެއްކަމަށްވާ އިންޑިއާގައި ލޯންޗްކުރުން ވަނީ ލަސްކުރަންޖެހިފައެވެ.

އިންޑިއާގެ މުވާސަލާތާއިބެހޭ ވުޒާރާގެ ވަޔަރލެސް ޕްލޭނިންގް އެންޑް ކޯޕަރޭޝަނުން ވަނީ އެންމެ އަވަސްވެގެންވެސް އަންނަ ނޮވެމްބަރާއި ހަމައަށް ހުއްދަ ދިނުން ފަސްކޮށްފައެވެ.

މުވާސަލާތާއިބެހޭ ވުޒާރާއިންވެސް އަދި އެއްވެސް ކުންފުންޏަކުންވެސް މިކަމާބެހޭ އިތުރު ވާހަކައެއް ނުދައްކައެވެ. ނަމަވެސް އިންޑަސްޓްރީގެ ލޮބީ ގްރޫޕްތަކަށާއި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެކަމަށް ޚަބަރުތައް ބުނެއެވެ.

ބައެއް ޚަބަރުތައް ބުނާގޮތުން އިންޑިއާގެ ބޮޑުވަޒީރުގެ ޤައުމީ ސިޔާސަތަކީ އަމިއްލަ މީހުންގެ މައްޗަށް ބަރޯސާވެގެން އިޤްޠިޞާދު ކުރިއެރުވުން ކަމަށާއި މިގޮތުން އިންޑިއާގެ ކުންފުނިތަކަށް ބާރުއަޅަނީ މިކަހަލަ އުފެއްދުންތައް އިންޑިއާގައި އުފެއްދުމަށެވެ. މީގެ ކުރިން އިންޑިއާގައި ވަޔަރލެސް އާލާތްތައް ބޭނުންކުރުމަކީ ހުއްދައެއް ބޭނުންވާކަމެއް ނޫން ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ހުއްދަ މިކަހަލަ ކަންކަމަށް ބޭނުންވެއެވެ.

އިންޑިއާގެ މާކެޓާއި އެކްސްޕޯޓް ކުރުމުގެ ޤާބިލިއްޔަތުގެ ސަބަބުން އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފޯނާއިބެހޭ އާލާތްތައް އުފައްދާ ޤައުމެވެ. ނަމަވެސް ކަމާބެހޭ މާހިރުންނާއި ކުންފުނިންތަކުން ބުނާގޮތުގައި އައީޓީ އަދި ސްމާރޓް އާލާތްތައްއުފައްދާ ކުންފުނިތައް އިންވެސްޓްކުރާނެ ގޮތެއް އަދިވެސް އިންޑިއާގައި ނެތެވެ. މީގެ އިތުރުން އިންޑިއާގެ ޓެކްނޮލޮޖީ އިޤްޠިޞާދަށް ޗައިނާގެ ނުފޫޒު ކުޑަކުރުވުމަކީވެސް އިންޑިއާއިން ގެންގުޅޭ ސްޓްރެޓެޖީއެކެވެ. މޯދީގެ ސަރުކާރުން ވަނީ ޗައިނާގެ ޓެކްނޮލޮޖީ ބްރޭންޑް ހުވާއީ އިންޑިއާގެ 5ޖީ ނެޓްވޯކުން އުނިކޮށްފައެވެ.