ކުޅިވަރު

ވިމެންސް ސުޕަރ ލީގުގެ ޗެމްޕިއަންކަން ޗެލްސީ ވިމެން ހޯދައިފި


އިނގިރޭސި އެފްއޭ ވިމެންސް ސުޕަރ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެލްސީ ވިމެން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީ ވިމެން ހޯދީ ރެޑިންގ ވިމެން އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ. ޗެލްސީ ވިމެންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 2 ވަނަ މިނެޓްގައި ޖަހައިދިނީ މެލެނީ ލެއުޕޯލްޒްއެވެ. އަދި ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދިނީ ފްރޭންކް ކަރބީއެވެ. އަދި ޗެލްސީގެ ތިންވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހައިދިނީވެސް ކަރބީއެވެ. މިމެޗްގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައިވަނީ މެޗްގެ 71 ވަނަ މިނެޓްގައި ސޭމް ކާރއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އަދި ފަހު ލަނޑު ޖަހައިދިނީ 75 ވަނަ މިނެޓްގައި އެރިން ކުތުބަރޓްއެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވިމެންއަށް ލީގު ކާމިޔާބު ކުރެވުނީ ކުޅުނު 22 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކުއެވެ. އެންމެ ގާތުން ވާދަކުރި މެންޗެސްޓަރ ސިޓީ ވިމެން އަށް 22 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. ސިޓީ ވަނީ އެޓީމްގެ ފަހު މެޗްގައި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން އާއި ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ. ޗެލްސީ ވިމެންވަނީ މިފަހަރުގެ ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުންވެސް ޖާގަހޯދާފައެވެ.