ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް މިލާން ކުރާ އުންމީދު އާކޮށްފި


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ކުރާ އުންމީދު އާކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް މިލާން ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމުންވެސް ހަމަލާއަށް އިސްކަން ދީގެން ކުޅުންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމުންވެސް ފުރަތަމަ ހާފްގައި ތަނަވަސްކުރިއެވެ. ނަމަވެސް ދެޓީމްގެ ކުރިއަށް ކުޅޭ ކުޅުންތެރިން އުފައްދަމުންދިޔަ ހަމަލާތައް ދިޔައީ ނާކާމިޔާބުވަމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޖަހައިދިނީ މިލާންގެ ކުރިއަށް ކުޅޭ ޒުވާން ފޯވަޑް ބްރަހީމް ޑިއޭޒްއެވެ. މި ލަނޑާއެކު މިމެޗްގެ ފުރަތަމަ ހާފް ނިންމާލީ މިލާނުން ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފްގައި ޔުވެންޓަސްއިން ހަމަލާއަށް އިސްކަންދީގެން ފެށި ނަމަވެސް މިހާފްގައިވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު އެންމެ ފުރަތަމަ ލިބިގެންދިޔައީ މިލާނަށެވެ. މިގޮތުން ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން މިލާނަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި މިލާންގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހައިދިނީ އެންޓޭ ރެބިޗްއެވެ. އަދި މިލާންގެ ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ ފިޔާކޯ ޓޮމޯރީއެވެ.

މިކާމިޔާބީއާއެކު މިލާން މިހާރުވަނީ ކުޅުނު 35 މެޗުން ލިބިފައިވާ 72 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި މިއީ ޔޫޥޭގެ ދަނޑުގައި ކުޅެ ވޭތުވެދިޔަ ނުވަ ސީޒަންގައި މިލާން މޮޅުވި ފުރަތަމަ ފަހަރެވެ. މިމެޗުން ބަލިވުމުން ޔޫޥޭ މިހާރު އުޅެނީ ކުޅުނު 35 މެޗުން ލިބިފައިވާ 69 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.