ކުޅިވަރު

ލޮސް އެންޖަލިސް ލޭކަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފި



އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 123 ޕޮއިންޓް 110 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލޭކަރސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ 42 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާދިން އެންތަނީ ޑޭވިސްގެ ފަރާތުންނެވެ. އަދި ސަންސްއަށް އެންމެ ރަނގަޅަށް ކުޅުނީ 21 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދިން ޑެވިން ބޫކަރއެވެ.
މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޑެރިކް ރޯސް ވަނީ 25 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅަށް ކުޅުނީ 29 ޕޮއިންޓް ހޯދައިދިން ކައުހީ ލިއޮނާޑްއެވެ. މީގެއިތުރުން މައޭމީ ހީޓް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ 26 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 11 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްގެ އިވާން ފޮއުނިއަރ ވަނީ 30 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 110 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިނެސޯޓާ ޓިމްބަރވުލްވްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 128 ޕޮއިންޓް 96 ޕޮއިންޓުން ވުލްވްސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. އަދި ސެކްރެމެންޓޯ ކިންގްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 126 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.