ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 10 ޕޮއިންޓަށް ކުޑަކޮށްފިއެވެ. ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ ވިލާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަރޓްރަންޑް ޓްރައޯރޭއެވެ. މިލަނޑާއެކު ޔުނައިޓެޑުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މޭސަން ގްރީންވުޑް އާއި މާކަސް ރަޝްފަޑް ފޮނުވާލި ހަމަލާވަނީ ވިލާގެ ކީޕަރ އެމިލިއާނޯ މާޓިނޭޒް ދިފާއުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑް ފެނިގެންދިޔައި ހަމަލާއަށް އިތުރަށް އިސްކަންދީގެން ކުޅުނުތަނެވެ. މިމެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޔުނައިޓެޑަށް މިމެޗްގައި ލީޑު ނަގައިދިނީ ގްރީންވުޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިމެޗްގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އެޑިންސަން ކަވާނީއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިހާރުވަނީ ކުޅުނު 34 މެޗުން 70 ޕޮއިންޓް ލިބިފައެވެ. އަދި ބާކީ އެއްމެޗް އިތުރަށް ނުކުޅެ އޮތުމުން އެމެޗުން މޮޅުވެއްޖެނަމަ ސިޓީ އާއި ދެމެދުގައިވާ ފަރަގު 7 ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. ނަމަވެސް ލިވަޕޫލާއި ދެކޮޅަށް މިއަންނަ އަންގާދަ ދުވަހުގެ ރޭ ކުޅޭ އެމެޗުން ބަލިވެއްޖެނަމަ ސިޓީއަށް ލީގު ކާމިޔާބު ކުރެވުމުގެ ފުރުސަތުވެސް އެބައޮތެވެ. މިމެޗުން ބަލިވުމުން ވިލާ މިހާރު އުޅެނީ ކުޅުނު 34 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.