ޚަބަރު

މި އަހަރުވެސް ޚާއްޞަ ފިޔަވަޅުތަކަކާއެކު ޙައްޖުކުރަން ނިންމައިފި


މި އަހަރުގެ ޙައްޖުގެ އަޅުކަން ކުރިޔަށްދާނީ ކޯވިޑް-19ން ރައްކާތެރިވުމަށް އަޅައި ޚާއްޞަ ފިޔަވަޅުތަކާއެކުކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމުރާއާބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ ފަރާތުން ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އޭގެ ތަފްޞީލު ފަހުގެ ތާރީޚެއްގައި އިޢުލާނުކުރާނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނަށެވެ. އެ ޤައުމުން އެގޮތަށް ނިންމީ ޙައްޖުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށެވެ.

މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ކޮންޕިއުޓަރު މެދުވެރިކޮށް ގުރުއަތު ނަގައިގެންނެވެ. ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުންވަނީ މައްކާއަށް ދަތުރުކުރުމުގެ 7 ދުވަސް ކުރިން ގޭގައި އެކަހެރިވެފައެވެ. އަދި މައްކާއަށް އައުމަށްފަހު އެމީހުންވަނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެފައެވެ. އަޅުކަމުގެ ކަންކަމަށް އެއްތަނުން އަނެއްތަނަށް ޙައްޖުވެރިން ގެންގޮސްފައިވަނީ ބައިބަޔަށް ބަހައިގެންނެވެ. އަދު ކޮންމެ 50 ޙައްޖުވެރިއަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިއެއް ކަނޑައަޅާފައިވެއެވެ. އޭނާގެ މަސްޢޫލިއްޔަތަކީ ހުރިހާ ޙައްޖުވެރިންވެސް ރައްކާތެރިކަމުގެ ހުރިހައި ފިޔަވަޅުތަކަކަށް ޢަމަލުކުރާކަން ޔަޤީންކުރުމެވެ. އެގޮތުން ހުރިހާ ވަގުތެއްގައި ޙައްޖުވެރިން މާސްކު އަޅާތޯއާއި ގައިދުރުކަން ބަހައްޓައިތޯ ޞިއްޙީ ޚިދުމަތްތެރިން ދިޔައީ ބަލަމުންނެވެ.

މިދިޔަ އަހަރު ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދިޔަ ދަނޑިވަޅެއްގައި ކާމިޔާބުކަމާއެކު ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިޔުއެޗުއޯއިންވަނީ ސަޢުދީ ޢަރަބިއްޔާއަށް ތަޢުރީފުކޮށްފައެވެ.