ޚަބަރު

ރައީސް ނަޝީދަށް ޙަމަލާދިން މީހާގެ ވަނަވަރު ޢާއްމުކޮށްފި


ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮންގޮއްވާލުމުގައި ޢަމަލީގޮތުން ބައިވެރިވި މީހާގެ ވަނަވަރު ފުލުހުން ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު މަގު ސަރަހައްދަށްގޮސް ރިމޯޓަކުން ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހަކީ ވ.ތިނަދޫ ހިޔާ ޢުމުރުން 25އަހަރުގެ އަދުހަމް އަޙްމަދު ރަޝީދު ނަމަކަށްކިޔާ މީހެކެވެ. ފުލުހުން މީނާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުންނެވެ. ޙަމަލާއަށްފަހު އަމިއްލަ އައިޑެންޓީޓީ ފޮރުވުމަށް މަސައްކަތްކޮށް ބޮލާއި ތުނބުޅި ބާލާފައިވާކަމަށާއި މިކަމަށް ބޭނުންކޮށްފައިވާ ތަކެތި އޭނާގެ ކޮޓަރިން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މީނާގެ އިތުރުން ފުލުހުންވަނީ މިހާތަނަށް މިޙަމަލާއާ ގުޅިގެން އިތުރު ދެމީހުން ހައްޔަރުކޮށްފައެވެ. މިހުރިހާ މީހުންނަކީވެސް ކުށުގެ ރެކޯޑު އޮތް މީހުންކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެއީ ވައްކަމާއި މަސްތުވާ ތަކެތީގެ ރިކޯޑުތައްކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާތަނަށް ފުލުހުން ހައްޔަރުކުރި 3 މީހުންނާ ދީނީގޮތުން ހައްދުފަހަނައެޅުމާ ހަރުކަށި ފިކުރާ ގުޅުންއޮތްކަން ފެންނަން އެބައޮތެވެ. އެހެންނަމަވެސް ބޭރުގެ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ އެމީހުންނާ ގުޅުންއޮތްކަމެއް އަދި މިހާތަނަށް ހޯދިފައި ނެތްކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މިމީހުންގެ ބަންދުގެ މުއްދަތުޖެހުމަށް ކޯޓަށް ހާޒިރުކުރުމުން މިހާރު ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައިކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ އަދުހަމް، ބޮން ގޮއްވާލަން ރިމޯޓަށް ފިއްތުމަށްފަހު ދުވެ ފިލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭނާ މާލޭގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވިގޮތް ދައްކުވައިދޭ ޗާޓަކާއި ސީސީޓީވީ މަންޒަރުތައް ހާމަކޮށްފައެވެ. އަދި ބޮން ގޮއްވާލުމުގެ ކުރިން އޭނާ އަތަމާ ޕެލެސްގެ އެތެރޭގައި ހުންނަ މަންޒަރު ދައްކުވައިދޭއިރު ފުލުހުންގެ ފޮރެންސިކް ޓީމުންވަނީ އެސަރަޙައްދުން އޭނާގެ ފުޓް ޕްރިންޓް ނަގައި އެއީ އަދުހަމްކަން ކަށަވަރުކޮށްފައެވެ.

ޙަމަލާ ދިނުމަށްފަހު ދުވެފައި އޭނާ މާލެތެރޭ އުޅޭ މަންޒަރާއި މަސްޖިދުލް ޖަލާލުއްދީނަށް ކުޑަ ވަގުތުކޮޅަކަށް ވަންނަ މަންޒަރުގެ އިތުރުން މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުޖާހު އޭނާގެ އިންތިޒާރުގައި އަމީނީ މަގުގައި އޮންނަ ޕާކުގައި ހުންނަ މަންޒަރާއި އޭގެފަހުން އެދެމީހުން އެކުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި އުޅޭ މަންޒަރު ފުލުހުން ހާމަކުރި ވީޑިއޯ ކްލިޕުން ދައްކުވައިދެއެވެ. އަދި އޭނާ މަގުތަކުގައި ދުވެފައި އުޅޭއިރު މީހަކާއި ފޯނުން ވާހަކަ ދައްކަމުންދިޔަކަމަށް ފުލުހުން ވިދާޅުވެއެވެ.


ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ ބޮންގޮއްވާލުމުގައި ބޭނުންކޮށްފައިވާ އާލާތްތައްވެސް ދައްކާފައެވެ. މިފަދަ ޙަމަލާއެއް ދިނުން މިއީ މިތިން މީހުން އެކަނި ކުރިކަމެއްކަމަށް ޤަބޫލުނުކުރައްވާކަމަށާ، މީގެ އަޑީގައި އިތުރު ބަޔަކު ތިބިނަމަ އެބަޔަކު ހޯދާނެކަމަށް ސީޕީ ޙަމީދުވަނީ ވިދާޅުވެފައެވެ.

ބޮންގޮއްވާލުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެފައިވާ މީހާ ހޯދިފައިވަނީ ސީދާ ޢާއްމުންގެ ފަރާތުން ހާމަކޮށްފައިވާ މަޢުލޫމާތުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި ފުލުހުންވަނީ ޢާއްމުނަށް ޝުކުރުއަދާކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ މިޙަމަލާއަށްފަހު ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ސޯޝަލް މީޑިއާތަކުގެ ކޮމެންޓް ސެކްޝަނުގައިވެސް ގިނަބަޔަކު ނަފްރަތު އުފެއްދުމަށް ބާރުއަޅައި ކޮމެންޓް ކުރަމުން އަންނަކަމަށާއި އޭގެ ތެރޭގައި އަމިއްލަ ނަމުގައި އާއި ކާކުކަން ނޭނގޭގޮތަށް ހަދާފައިވާ އެކައުންޓްތަކުން ކޮމެންޓްކުރަމުންދާއިރު އެކަންވެސް ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީޑިއާ ހިންގަވާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވެ، އެފަދަ ކޮމެންޓްތައް ޝާއިއުނުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.