ކުޅިވަރު

ޑެންވަރ ނަގެޓްސްގެ މައްޗަށް ނެޓްސް ކުރި ހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 125 ޕޮއިންޓް 119 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅަށް ކުޅުނީ 33 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 7 އެސިސްޓް ކުރި ކެވިން ޑުރާންޓްއެވެ. އަދި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގައިދިން ނިކޮލާ ޔޮކިޗްއެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިއީ ޖޭޒްއިން މިސީޒަންގައި ކާމިޔާބުކުރި 50 ވަނަ މެޗެވެ. މިމެޗްގައި ޖޭޒްގެ ރޫޑީ ގޮބަރޓްވަނީ 13 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާފައެވެ. އަދި ރޮކެޓްސްގެ ކެންޔަން މާޓިން ޖޫނިއަރވަނީ 27 ޕޮއިންޓް ހޯދައިދީ10 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 29 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާފައެވެ. އަދި ޕިސްޓާންސްގެ މޭސަން ޕްލަމްލީވަނީ 12 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ވޮޝިންގޓަން ވިޒަޑްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 132 ޕޮއިންޓްގެ ކުޑަ ތަފާތަކުން ވިޒަޑްސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 136 ޕޮއިންޓް 97 ޕޮއިންޓުން ވޮރިއަރސް ކާމިޔާބުކުރިއިރު ޕޯޓްލަންޑް ޓްރެއިން ބްލޭޒަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ.