ކުޅިވަރު

ޓޮޓްނަމްގެ މައްޗަށް ލީޑްސް ކުރި ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ލީޑްސް ކާމިޔާބުކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރިވަރަށްވުރެ ފަސޭހަ ކަމާއެކު 3 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއިންނެވެ. މިމެޗްގައި ލީޑްސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާދިނީ ލީޑްސްގެ ސްޓުއަރޓް ޑެލަސްއެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. ނަމަވެސް މިލަނޑު ޖެހިތާ 12 މިނެޓްފަހުން ޓޮޓްނަމްގެ ހުނަރުވެރި ފޯވަޑް ސޮން ހެއުންގ މިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗުގައި ލީޑްސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 42 ވަނަ މިނެޓްގައި ޕެޓްރިކް ބެންފަޑް ޖަހައިދިން ލަނޑުންނެވެ. އަދި ލީޑްސްގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ ރޮޑްރިގޯއެވެ. މިމެޗްގައި ޓޮޓްނަމްގެ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭން ޖެހި ދެ ގޯލެއް އޮފް ސައިޑްކަމަށް ދެއްކި އިރު އިތުރު ހަމަލާއެއް ވަނީ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

މިކާމިޔާބީއާއެކު ލީޑްސް މިހާރުވަނީ ކުޅުނު 35 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިނާކާމިޔާބީއާއެކު މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޓޮޓްނަމުން ކުރަމުންދާ އުންމީދުތަކަށް އަނެއްކާވެސް މިވަނީ ހީނަރުކަން އައިސްފައެވެ. އަދި މިމެޗުން ބަލިވުމުން މިހާރު އެޓީމްވަނީ ކުޅުނު 35 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ވެއްޓިފައެވެ.