ދުނިޔޭގެ ވިޔަފާރި

ދަގަނޑުގެ އަގު ތިންގުނަ މައްޗަށް!


ކޯވިޑްގެ ބަލިމަޑުކަމާއި ހެދި އެމެރިކާގެ އިޤްޠިޞާދު ހީނަރުވުމުގެ ސަބަބުން ދަގަނޑު އިންޑްސްޓްރީ އިނދަޖެހި ގިނަ ތަންތަން ވަނީ ބަންދުކުރަން ޖެހިފައެވެ. ނަމަވެސް ބަލިމަޑުކަމުން ކޮންމެވެސްވަރަކަށް އަރައިގަނެވި އިޤްޠިޞާދު ރަގަޅުވާން ފަށާފައިވާ މިދަނޑިވަޅުގައި ބައެއް ކާރުޚާނާތައް މަޑުމަޑުން މަސަތްކަތްތައް ފަށާފައިވީކަމުގައިވީނަމަވެސް ދަނގަޑު ލިބުމުގެ ދަތިކަން ކުރިމަތިވެ އަގުތައް ވަނީ އެތައް ގުނައަކަށް މައްޗަށް އުފުލިފައެވެ.

އިޤްޠިޞާދު ރަގަޅުވާން ފެށުމުން ދަނގަޑު ޑިމާންޑްވަނީ ކުއްލިއަކަށް އިތުރުވާން ފަށާފައެވެ. އަދި މިއީ ކުރުމުއްދަތަކަށް އައިސްފައިވާ އިތުރުވުމެއްކަމަށާއި މިއީ ބަބްލްއެއްކަމަށްވެސް މާހިރުން ވިދާޅުވެއެވެ.

މިދިޔަ އަހަރު 460 ޑޮލަރަށްހުރި ކޮއިލް ދަނގަޑުގެ އަގު މިހާރުވަނީ ޓަނެއް އަގު 1500 ޑޮލަރަށް އުފުލިފައެވެ. މިއީ ގާތްގަޑަކަށް 3 ގުނައިގެ އިތުރުވުމެކެވެ. މާރިޗް މަހުގެ މެދުތެރޭގައި ސްޓީލްގް ސްޓޮކް ދަށްވެ، ކާރުޚާނާތައް ބަގުރޫޓްވެދާނެކަމުގެ ބިރުއޮތީ ހީވެފައެވެ. ބޭނުންވާރަށް ސްޓީލް ނުލިބިދާނެކަމުގެ ބިރުބޮޑުވެފައިވާއިރު އޭގެ އަގުދަނީ މަތިވަމުންނެވެ.

ސްޓީލްގެ އިތުރުން ކޮމްޕިޔުޓަރ ޗިޕްސް، ލަކުނޑި ކްލޯރިން އަދި ޓޭންކަރ ޓްރަކް ޑްރައިވަރުންގެ ސަޕްލައިވެސް ވަނީ ދަށްވެފައެވެ. ރެސްޓޯރެންޓްތަކާއި އެހެނިހެން ވިޔަފާރިތަކަށްވެސް ވަނީ މުވައްޒަފުންގެ ބޭނުންޖެހިފައެވެ. ކޮޕަރ އަދި ލިތިއަމްގެ ސަޕްލައިވެސް ދަށްވާކަމުގައި ބައިނަލްއަޤުވާމީ އެނާރޖީ އޭޖެންސީއިން ވަނީ އިންޒާރުދީފައެވެ.

ބޭންކް އޮފް އެމެރިކާގެ އެނަލިސްޓް ޓެޏަރ ވިދާޅުވިގޮތުގައި ކުއްލިއަކަށް މީހުން ކާރުތައް ގަންނަންފެށުމުން ކޯވިޑްގެ ބަލިމަޑުކަމާހެދި ސްޓީލް އުފެއްދުން މަޑުޖައްސާލާފައިވާ އެމެރިކާގެ ކާރުޚާނާތަކަށް ސްޓީލް އުފައްދަންފަށަން ވަގުތު ނެގިއެވެ. އޯޑަރުތައް ގިނަކަމުން ސްޓީލް ޝިޕްމެންޓްތައް ދިޔައީ ލަސްވަމުންނެވެ.

ސްޓީލް ގަންނަފަރާތްތަކަށް އޮތް އުފާވެރި ޚަބަރަކީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އުފެއްދުންތައް މަޑުޖައްސައިލައިގެންތިބި ސްޓީލް އުފައްދާ ހުރިހާ ކާރުޚާނާތައްވެސް މިހާރު ވަނީ އެމީހުންގެ މަސައްކަތަށް އެބުރި އައިސްފައެވެ. އެހެންކަމުން ސްޓީލް ލިބުމުގެ ދަތިކަން ވަރަށް އަވަހަށް ނެތިގެންގޮސް އަގުތައް ތިރިވާނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ޓެނަރ ވިދާޅުވިއެވެ.