ވިޔަފާރި

އިންކަމް ސަޕޯޓް އެލަވަންސް އެންމެ ގިނައިން ދޫކޮށްފައިވަނީ ކ އަދި ރ އަތޮޅަށް


އިންކަމް ސަޕޯޓް އެލަވަންސް އެންމެ ގިނަ އަދަދަކަށް ދޫކޮށްފައިވަނީ ކ. އަދި ރ.އަތޮޅުގެ ރަށްވެހިންނަށްކަމަށް ޖޮބް ސެންޓަރއިން ހާމަކޮށްފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެންނެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ.

މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ 22849 މީހަކަށް، 421 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މީގެތެރެއިން 60 މިލިއަން ރުފިޔާ އަކީ ރ.އަތޮޅުން މި އެލަވަންސްއަށް އެދުނު ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާއެވެ. އަދި ކ.އަތޮޅުން މި އެލަވަންސްއަށް އެދުނު ފަރާތްތަކަށްވަނީ 60.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް އެދިފައިވަނީ ގިނައިން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެހެން ނަމަވެސް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުތައް ގިނަ އަތޮޅުތައް ކަމަށްވާ އައްޑޫ އަދި ފުވައްމުލަކު ސިޓީން މި އެލަވަންސްއަށް އެދުނު ފަރާތްތައް މަދުކަން ޖޮބް ސެންޓަރއިން ފާހަގަކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އައްޑޫއިން އިންކަމް ސްޕޯޓް އެލަވަންސަށް އެދުނު ފަރާތްތަކަށް ވަނީ 24.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ފުވައްމުލަކުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުނު ފަރާތްތަކަށްވަނީ 9.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެންމެ ގިނަ އަދަދަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި އއ. އަތޮޅު، ނ. އަތޮޅު އަދި ށ. އަތޮޅުވެސް ހިމެނެއެވެ. އެގޮތުން ށ.އަތޮޅުން އިންކަމް ސަޕޯޓް އެލަަވަންސްއަށް އެދުނު ފަރާތްތަކަށް 42 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެެވެ. އއ. އަތޮޅު އަދި ނ.އަތޮޅުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުނު ފަރާތްތަކަށް ވަނީ 34 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އިންކަމް ސްޕޯޓް އެލަވަންސް އެންމެ މަދު އަދަދަކުން ލިބުނު އަތޮޅުތަކުގެތެރޭގައި ވ، މ، އަދި ދ.އަތޮޅު ހިމެނެެއެވެ. އެގޮތުން ވ. އަތޮޅުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުނު ފަރާތްތަކަށް 2.5 މިލިއަން ދޫކޮށްފައިވާއިރު، މ.އަތޮޅަށް 3.5 މިލިއަން އަދި ދ. އަތޮޅުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުނު ފަރާތްތަކަށްވަނީ 4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް އެންމެ ގިނަ އަދަދަކަށް އެދިފައިވަނީ 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އެގޮތުން 7400އަށްވުރެ ގިނަ މީހުންނަކީ މި އުމުރު ފުރައިގެ މީހުންނެވެ. އަދި އެލަވަންސް ލިބިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ވަނީ ދީފައެވެ.