ވިޔަފާރި

އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ މިމަހުގެ 16ވަނަ ދުވަހު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ކުންފުނީގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށެވެ.

އެމްޓީސީސީން ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެކަމަށެވެ. މި ޖަލްސާގައި ބައިވެރިވުމަށް ހިއްސާދާރުން 14 މެއި ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

މިޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ޙިއްޞާދާރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު ކުންފުނީގެ މެއިލްއަށް އީމެއިލް ކޮށްގެންވެސް ރަޖިސްޓަރ ކުރެވިދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި އޮންނާނީ ޖަލްސާގެ ޖައުމިއްޔާ ފާސްކުރުމާއި، އެމްޓީސީސީގެ ހިންގާ ޤަވައިދަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ގެނެސްފައިވާ އިސްލާހުތައް ފާސްކުރުމެވެ. އެމްޓީސީސީގެ ހިންގާ ޤަވާއިދު އެންމެ ފަހުން ފާސްކޮށްފައިވަނީ 29 އޮގަސްޓް 2017 ގައެވެ.