ޚަބަރު

27 ވިލޭރޭ އަޤްޞާގައި އަޅުކަންކުރުމަށް އިސްރާއީލުން ހުރަސްއަޅައިފި


ރަމަޟާން މަހުގެ 27 ވިލޭރޭ އަޤްޞާ މިސްކިތުގައި އަޅުކަންކުރަން ބޭނުންވި އެތައް ހާސް މުސްލިމުންނަކަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހުރަސްއަޅައިފިއެވެ. އިސްރާއީލުން މުސްލިމުންނަށް ކުރަމުންދާ އުނދަގޫތައް އިތުރުކޮށްފައިވަނީ މެއި މަހުގެ 7ވަނަ ދުވަހު މަސްޖިދުލް އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އިސްރާއީލުން ޙަމަލާދިނުމުން ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވަނިކޮށެވެ.

ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ފަލަސްޠީނާމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ.

އިސްރާއީލުން އަޤްޞާ މިސްކިތަށް ގިނަ ޙަމަލާތަކެއް ދިން ނަމަވެސް ރަމަޟާން މަހުގެ 27 ވިލޭރެޔާ ދިމާކޮށް ގިނަ ޢަދަދެއްގެ މުސްލިމުންވަނީ އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ. ނަމަވެސް އިސްރާއީލުންވަނީ މިސްކިތަށް ދަތުރުކުރުމަށް އޮންނަ މަގުތައް ބަންދުކޮށް އެ މީހުންނަށް ހުރަސްއަޅައިފައެވެ. އޭގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކުވަނީ މަގުމަތީގައި ނަމާދުކޮށްފައެވެ. އަދި އިސްރާއީލުން ޖަހާފައިވާ ގިނަ ޢަދަދެއްގެ ހުރަސްތައް ދުރަށްޖައްސައި ގިނަ ޢަދަދެއްގެ ބަޔަކުވަނީ އަޤްޞާގައި ކުރަމުންދިޔަ އަޅުކަންތަކުގައި ބައިވެރިވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްރާއީލުން ކުރިމަތިކުރުވި ހުރަސްތަކާއެކުވެސް 90،000 މީހުންވަނީ 27 ވިލޭރޭ އަޤްޞާގައި އަޅުކަންކޮށްފައެވެ.

1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.