ވިޔަފާރި

ދެކުނު އޭޝިޔާ ސަރަހައްދުން ފަތުރުވެރިން ފިޔަވައި އެހެން މީހުން އައުން މަނާކޮށްފި


ދެކުނު އޭޝިއާ ސަރަހައްދުން އަންނަ ފަތުރުވެރިންް ފިޔަވައި އެހެން މީހުން ރާއްޖެ އައުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވާފައިވާ އެންގުމެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

އެގޮތުން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރިނަމަވެސް ފަތުރުވެރިންނަށް އާދެވޭނެއެވެ. ނަމަވެސް ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ. އަދި މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ދެކުނު އޭޝިޔާއިން ރާއްޖެއަށް ޓޫރިސްޓުން ނޫން މީހުން އައުން މަނާކޮށްފައިވަނީ މި ސަރަހައްދުގައި ކޮވިޑް-19ގެ އާ ސްޓްރެއިންތަކެއް އުޅޭތީ ކަމަށްބެލެވެއެވެ. އަދި ރާއްޖޭގައިވެސް މިހާރު ކޯވިޑް19 ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިހާރު ރާއްޖޭގައި އުޅެނީ ކޮންމެދުވަހަކު 700 އިން މަތީގައެވެ.