ޚަބަރު

"ދަގަނޑުކޮޅު، ރައީސް ނަޝީދުގެ ހިތް ފޫއަޅުވާލައި ނުގޮސްހުރީ އެންމެ ސެންޓިމީޓަރެއް"


ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާގައި ގޮއްވާލި އައިއީޑީން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ހާމަކުރައްވައިފިއެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެއެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖޭގެ ކުރީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ބަޔަކުދިން ނުރައްކާތެރި ބޮމުގެ ޙަމަލާގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަން އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްތަރުންގެ ޓީމުން މިވަނީ ހާމަކޮށްފައެވެ.

މިނުރައްކާތެރި ހަމަލާގައި އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ މާތްﷲގެ ރަޙުމަތްފުޅުން ވަރަށް ނާޒުކު ގޮތަކަށް ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. ޙަމަލާދިނުމުގައި ބޭނުންކުރި އައިއީޑީގައިވާ ދަގަނޑުކޮޅުތަކާއި ރޭޒާ ފުއްތަކުގެތެރެއިން ފުކެއް ރައިސް ނަޝީދުގެ ހިތަށް ސީދާނުވެދިޔައީ ހަމަ ކިރިޔާއެވެ. އެއީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިނެވެ.

މިއެތިކޮޅު ހިތަށް ނުވަދެ މަތަވީ އެމަނިކުފާނުގެ މޭކަށިގަނޑުގެ ރިބެއްގައި ޖެހިގެންނެވެ. އެރިބް ވަނީ ފުނޑުފުނޑުވެފައެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން ފުނޑުފުނޑުވެގެންދިޔަ ކަށިގަނޑުގެ އެތިކޮޅުކޮޅުތައް ރައީސް ނަޝީދުގެ ފުއްޕާމެއަށް ހެރިފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ހަމަލާގައި ހަށިގަނޑަށް ވަދެގެންދިޔަ އެތިކޮޅެއް ފުއްޕާމޭގެ އެއްފަޅި ފޫއަޅުވާލައި ނިކުމެފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ. މިޙަމަލާގެ ސަބަބުން އެމަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ލިބުނުޒަޚަމްތަކުގެ ސަބަބުން އެތެރެއަށް ލޭފައިބަމުން ދިޔަކަން ޑޮކްޓަރުންވަނީ ފާހަގަކުރައްވާފައެވެ.

މިޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ދަގަނޑު 3 އެތިކޮޅެއް ބަނޑުގެ ތިން ގުނަވަނެއް ފޫއަޅުވާލާފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ފަލަގޮހޮރުގައި ދެތަނަކުން އަދި މައިދާގެ އިތުރުން ފުރަމޭވެސް ފޫއަޅުވާލައި އެތިކޮޅުތައް ނިކުމެފައިހުރިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މީގެއިތުރުން ބަނޑު ތެރޭގައި ދައުރުވާ ދަގަނޑުކޮޅެއް މައި ލޭހޮޅިތެރޭގައި ދައުރުވާތަން ފެންނައިރު މިއީ ފުރަމޭ ތެރެއިން ލޭހޮޅިއަށް ގޮސްފައިވާ އެތިކޮޅެއްކަމަށް ޑޮކްޓަރުން ލަފާކުރައްވައެވެ.

މިޙަދިސާގައި ރައީސް ނަޝީދުގެ އަރިކަށީގެ މަތިން ވަދެފައިހުރި އެތިކޮޅު ފުއްޕާމެއަށް ހެރިފައިވާކަމަށާއި މިސަރޖަރީތަކުގެ ތެރޭގައި އެންމެ ނުރައްކާކަމަކަށްވީ ފުއްޕާމެއަށް ގެއްލުން ނުވާނެހެން އެއެތިކޮޅުނެގުންކަމަށް ޑޮކްޓަރުންވަނީ ހާމަކުރައްވާފައެވެ. އަދި މިހަމަލާގައި ފުއްޕާމޭގެ އެއްފަޅިއަށް އެތިކޮޅެއް ވަދެފައިވާއިރު އެތެރޭގައި ދައުރުވަމުންދިޔަ ރޭޒާ ފުށުގެ ނުރައްކާ ފުއްޕާމޭގެ އަނެއް ފަޅިއަށް ބޮޑުވެފައިވާތީ އޮޕަރޭޝަން ކުރަންޖެހުނީ ޢާއްމުކޮށް ކުރާ ގޮތާ ތަފާތުކޮށްކަމަށް ޑޮކްޓަރުންގެ ޓީމުން ފާހަގަކުރައްވައެވެ.

މިޙަމަލާގައި ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ގެއްލުމުގައި ސިކުނޑިއަށްނުވަތަ ބޮލުގެ ނާޝިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. 16 ގަޑިއެއްހައިއިރު ވަންދެން އެތައް އޮޕަރޭޝަންތަކެއްވަނީ ކޮށްފައިއެވެ. އޮޕަރޭޝަންތައް ކާމިޔާބުވީނަމަވެސް ކުރިއަށްއޮތީ ނާޒުކު ވަގުތުތަކެއްކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ. އެގޮތުން ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާއިރު އިންފެކްޝަންގެ ފުރުސަތު ވަރަށް ބޮޑުވާނެކަމަށާ، އެފުރުސަތު ކުޑަކުރުމަށް ވަރަށްގާތުން ރައިސް ނަޝީދުގެ ޙާލަތު ބަލަމުން އަންނަކަމަށް އޭޑީކޭ ޓީމުން ހާމަކުރައްވައެވެ.