ކުޅިވަރު

ލެސްޓަރ ބަލިކޮށް ލީގުގެ ޖާގައެއް ކަށަވަރު ކުރުމާއި ޕޮއިންޓަކަށް ނިއުކާސްލް ގާތްކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް ނިއުކާސްލް ކާމިޔާބުކޮށް ޕްރިމިއަރ ލީގުގެ ޖާގައެއް ކަށަވަރު ކުރުމާއި އެއް ޕޮއިންޓަށް ގާތްކޮށްފިއެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް ނިއުކާސްލް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ނިއުކާސްލްއިން ވަނީ މިމެޗްގައި ލިބުނު ފުރުސަތުތަކުގެ ބޭނުންކޮށްފައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާދިނީ ފަހަކަށް އައިސް ނިއުކާސްލްއަށް މުހިންމު ލަނޑުތަކެއް ޖަހާދެމުން އަންނަ ޖޯ ވިލޮކްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ކޯނަރަކުން ޕޯލް ޑުމެޓްއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2 ލަނޑުގެ ލީޑެއްގައި ނިއުކާސްލް އޮވެގެންނެވެ. އަދި މިމެޗްގެ ދެވަނަ ހާފްގެ 64 ވަނަ މިނެޓާއި 73 ވަނަ މިނެޓްގައި ކެލުމް ވިލްސަން ޖަހާދިން ދެލަނޑާއެކު މިމެޗްގައި ނިއުކާސްލްއިން ހަތަރު ލަނޑުގެ ލިޑެއް ނެގިއެވެ. މިމެޗްގައި ލެސްޓަރއިން އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވޭވަރުވީ މެޗްގެ 80 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މާރކް އޯލްބްރައިޓަންއެވެ. އަދި މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ލެސްޓަރގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެލޭޗީ އިއަނާޗިއޯއެވެ. މިމެޗްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލެސްޓަރއަށް ލިބިގެންދިޔަ ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ނިއުކާސްލް މިހާރުވަނީ ކުޅުނު 35 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕޮއިންޓް ތާވަލްގެ 18 ވަނައިގާ އޮތް ފުލަމް އާއި ނިއުކާސްލް އާއި ދެމެދު މިހާރުވަނީ 12 ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ލެސްޓަރއަށް މިނާކާމިޔާބީގެ ސަބަބުން މިވަގުތަށް ތާވަލްގައި އޮތް މަގާމަށް ބަދަލެއް ނައި ނަމަވެސް މިހަފްތާ ބަންދު ނިމޭއިރު ހަތަރުވަނައަށް ވެއްޓުމަކީވެސް ވެދާނެ ކަމެކެވެ. މިގޮތުން ޗެލްސީއާއި މެންޗެސްޓަރ ސިޓީ މިރޭ ބައްދަލުކުރާމެޗުން ޗެލްސީ މޮޅުވެއްޖެނަމަ އެޓީމް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާނެއިރު މިވަގުތު ފަސްވައިގާ އުޅޭ ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރާމެޗުން ވެސްޓް ހޭމް މޮޅުވެއްޖެނަމަ ލެސްޓަރރއާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަވެގެންދާނެއެވެ.