މުނިފޫހިފިލުވުން

" ކޭބީސީ 13" ފަށަނީ، މިފަހަރުވެސް އަމީތާބު


ސޮނީ ޓީވީން ގެނެސްދޭ އެންމެ ކާމިޔާބު އެއް ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ އައު ސީޒަން ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ފަހަރު އަންނަނީ މި ސީރީޒްގެ 13 ވަނަ ސީޒަންއެވެ.

މަޝްހޫރު ކާމިޔާބު ތަރި އަމީތާބު ހުށައަޅާ ދެމުން އަންނަ މި ޝޯގެ އައި ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ މިމަހުގެ 10 ވަނަދުވަހުއެވެ. އަދި ޝޯގެ ޕްރޮމޯތައްވެސް ސޮނީ ޓީވީން މިހާރު ވަނީ ދައްކަން ފަށާފައެވެ.

އިނގިރޭސި ޝޯ " ހޫ ވޯންޓްސް ޓުބީ އަ މިލިއަނަރ" ގެ ހިންދީ ވާޝަން އަކީ އެޤައުމުގައި ވަރަށް މަގްބޫލް އެއް ޝޯއެވެ. އަދި ހާއްސަކޮށް މި ޝޯ އަމީތާބު ހުށައަޅާދޭ ގޮތަކީ ގިނަބަޔަކަށް ޝޯ ކަމުދާ އެއް ސަބަބަވެ.

މި ޝޯ މެދުވެރިކޮށް މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބިގެންދާއިރު އިންޑިއާގެ ފަގީރު އަވަށްތަކުން ބައެއް މީހުން އަންނަނީ މި ޝޯގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތައްވެސް ހޯދަމުންނެވެ. ބޭނުން ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮންނަ މި ޝޯގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އަންނަނީ ދެމުންނެވެ.

2010 ވަނަ އަހަރު ދައްކަން ފެށި މި ޝޯގެ އެންމެ ސީޒަނެއް ފިޔަވާ ހުރިހާ ސީޒަނެއްގައި ހޯސްޓަކީ އަމިތާބެވެ. އަމީތާބެ ފެނިގެން ނުދިޔަ ސީޒަންއަކީ 3 ވަނަ ސީޒަންއެވެ. އެފަހަރުގެ ސީޒަން ހުށައަޅާދިނީ ބޮލީވުޑްގައި އަމީތާބަށްފަހު ދެން އެންމެ ކާމިޔާބު ތަރީގެ ގޮތުގައި ގުނަމުން އަންނަ ޝާހްރުކް ހާންއެވެ.