ޚަބަރު

މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް


  • ފްލީޓް މޮޑަނައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވި

  • މޯލްޑިވިއަނުން ހިންގާ އެއާޕޯޓުތަކުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ދަނީ ކުރަމުން

ގައުމީ އެއާލައިން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާއި، އިތުރުކަންކަން ކުރުމަށް ރޭވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުން ކަމަށެވެ.

މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ކޯވިޑް-19ގެ ތަޖުރިބާގެ އަލީގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ގައުމީ އެއާލައިން ވަރުގަދަކުރުމަަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމެކެވެ. އެގޮތުން މުސްތަގުބަލުގައި ގައުމީ އެއާލައިން މެދުވެރިކޮށް ސީދާ ދަތުރުތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ލަނޑުދަނޑި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ލިބުނު ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ އޮޕްޝަންތަކެއް ހުޅުވަން ދުނިޔޭގެ މޭޖަރ ސިޓީތަކުން ރާއްޖެއަށް ޑައިރެކްޓްލީ ފްލައިޓުތައް އޮޕަރޭޓް ކުރެވޭނެ. އެގޮތުގެ މަތިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ވަރަށް މުހިންމު އެއް ކަމެއް އެއީ ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ގައުމީ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރާ ގޮތަށް ރާއްޖެއިންވެސް ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް. އެއީ މުސްތަގުބަލަކީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރުވެސް މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރުމުގެ މަސައްކަތުގެ ދަށުން، އެއާބަސް މަތިންދާބޯޓު ހޯދުމާއި ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ފްލީޓް މޮޑަނައިޒްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެހެންމަ ސަރުކާރުގެ އެންމެ ހަޔަސްޓް ޕްރަޔޯރިޓީގައި މިހާރު އަޅުގަނޑުމެން މިދަނީ އެ މަސައްކަތްވެސް ކުރަމުން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުވެގެންދާނެ. އެކަމަކުވެސް މަތިންދާބޯޓު ލިބުމުގައި އަޅުގަނޑުމެންނަށް ދަތިތަކާއި ކުރިމަތި ކުރިމަތިވުމާއި އެކީގައި އެކަމުގައި ލަސްތަކެއް އެބަ އުޅޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަހަރު ނިމޭ ހިސާބުގައި ނުވަތަ އަންނަ އަހަރުގެ ފަސްްޓް ކުއާޓަރުގައި އެޑިޝަނަލް އެއާކްރާފްޓްތަކެއް އިތުރުވެގެންދާނެ އެބޭފުޅުންގެ އެޕަރޭޝަންތަކަށް." ވަޒީރު ވިދާޅުވިއެވެ.

މަތިންދާބޯޓުތަކުގެ އިތުރުން، އެއާޕޯޓުތަކުގެ އުމްރާނީ ތަރައްގީއަށްވެސް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މޯލްޑިވިއަނުން ހިންގާ މާފަރު އިންޓާނޭޝަނަލް އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމި، މިހާރު އެންމެ ބޮޑެތި ބޯޓުތަކަށްވެސް އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މާފަރު އެއާޕޯޓުގެ ޓާމިނަލް މަސައްކަތުގެ %20 ނިމިފައިވާއިރު، ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.