ޚަބަރު

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް


  • ބަނދަރުގެ %93 މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ބޭރޮތޮށީގައި ހިލަ ޖެހުމުގެ މަސައްކަތްތައް

ށ.ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޭރޮތޮށީގައި ހިލަ ޖެހުމުގެ މަސައްކަތްތައްކަމަށެވެ.

ބިލެތްފަހި ބަނދަރަކީ އެންމެ ފުރަތަމަ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލިއިރުވެސް ވަދެ ނުކުތުމުގެ މައްސަލަ ދިމާވާން ފެށި ބަނދަރެކެވެ. އެ މައްސަލަތައް ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 2021ވަނަ އަހަރުގެ ޖެނުއަރީމަސްތެރޭގައެވެ. މިއީ 28.42 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، 5 މޫރިން ބްލޮކް ލުމާއި، 11 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމުގެ އިތުރުން 1150 ސޮކްޔަރ މީޓަރުގެ ޕޭވްމަންޓެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

އަދި 14،325 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، ރޭމްޕެއް ހެދުމުގެ އިތުރުން 22 މީޓަރުގެ ގުރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %93 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ބޭރޮތޮށީގައި ހިލަ ޖެހުމުގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

ބިލެތްފަހީގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ ޖާގައިގެ ގޮތުންވެސް ކުޑަ ބަނޑަރެކެވެ. ބަނދަރުގެ ނެރުގައި އުފެދޭ ރާޅުބާނީގެ ސަބަބުން އޮޑިދޯނިފަހަރު ބަނދަރު ތެރެއަށް ވަދެ ނުކުތުމަށާއި، އޮޑިދޯނިފަހަރަށްވެސް އަންނަނީ ގެއްލުންތަކެއް ލިބެމުންނެވެ.

ރާއްޖޭގެ ބަނދަރު ނެތް ބައެއް ރަށްރަށުގައްޔާއި، ބަނދަރު ހަލާކުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި އައު ބަނދަރުތައް ތަރައްޤީކުރުމަށް އެކި ރަށްރަށުގައި އަންނަނީ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމާއެކު، ލަފާފުރުމަށާއި، ރަށްރަށަށް އަރާފޭބުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.