ޚަބަރު

"މީހަކު މަރާލަން، ބޮން ގޮއްވަން ޖެހިލުން ނުވާވަރުގެ މީހުން ރާއްޖޭގައި ތިބުމަކީ ލަދުގަންނަންޖެހޭ ކަމެއް"


މީހަކު މަރާލަން ބޮމެއް ގޮއްވާލަން ޖެހިލުން ނުވާވަރުގެ މީހުން ރާއްޖޭގައި މިއަދު ތިބިކަމީ އަޅުގަނޑުމެން އެންމެން ލަދުގަންނަންޖެހޭ ކަމެއްކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

މިފަދަ ޢަމަލުތަކުގެ ސަބަބުން، މުޅި ދިވެހިރާއްޖޭގެ އަމަންއަމާންކަމަށް އޭގެ ނޭދެވޭ އަސަރުކޮށް ޒަމާންތަކަކަށް ދެމިގެންދާފަދަ ނުރައްކަލާ ކުރިމަތިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކޮންމެ ތަނަކަށް ބެލިއަސް އެބަޔަކު މި ދިވެހިރާއްޖެ ދަންނަނީ "ދުނިޔޭގެ ސުވަރުގެ"ގެ ގޮތުގައެވެ. އެއީ ހަމައެކަނި ގުދުރަތީގޮތުން ދިވެހިރާއްޖެއަށް ލިބިފައިވާ ހިތްގައިމު ރީތި ސިފަތަކަކާހެދި އެކަންޏެއް ނޫނެނެވެ. ރާއްޖޭގެ ހަމަޖެހުމާއި އަމަން އަމާންކަމާއި ދިވެހިންގެ ހިތްތިރި ކަމާއި މެހެމާނުންނަށް ކިޔަ އުފާވެރި މަރުޙަބާއަށެވެ. ރާއްޖޭގެ އިގްތިޞާދުވެސް ބަރޯސާވެފައި އޮތީ މި ހަމަޖެހިމާ އަމާންކަމުގެ މައްޗަށެވެ. ރާއްޖެއަށް އަންނަ އެތަށް ލައްކަ ފަތުރުވެރިން އަންނަނީ މި ހިތްހަމަޖެހުން މިތަނުން ލިބިގަންނަންށެވެ.

ކޯވިޑް19ގެ ޙާލަތާއެކު ދިވެހިންގެ މުޅި އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައިސް ފުނޑުނެވެ. ހާލަތުން އަރައިގަނެ މިހާރު މަޑުމަޑުން ކަންކަން ހަމައަކަށް އެޅެންވަނީ ފަށާފައެވެ.

ނަމަވެސް ބުރާފަތި ދުވަހުގެ ރޭގެ ނިރުބަވެރި ޙަމަލާއާއެކު އޭގެ ނޭދެވޭ އަސަރު މިހާރުވެސްވަނީ ފެންނަން ފަށާފައެވެ. މީގެ ކުރީގެ މިފަދަ އެކި ޙާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރި ނޭދެވޭ އަސަރު މިފަހަރުގެ މި ޙަމަލާއާއެކު މިވަނީ ފެންނަން ފަށާފައެވެ. މިފަދަ ކޮންމެ ޙާދިސާއަކާއެކު މުޅި ދިވެހި ރާއްޖެއަމެދު، ކޮންމެ ދިވެއްސަކާމެދު ދެކެމުން އައި ގޮތް ބަދަލުކޮށްލައެވެ. މި ޙަމަލާގެ ވާހަކަ ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުގައިވަނީ އެނބުރެން ފަށާފައެވެ. އަދި ރާއްޖެއަކީ "ޓެރަރިސްޓް" ޙަމަލާއެއް ހިނގާފައިވާ ތަނެއްކަމަށްބުނެ ރާއްޖެ ނައުމަށް ދަނީ ގޮވަމުންނެވެ. މިފަދަ ކޮންމެ ޙަދިސާއަކީ މުޅި ދިވެހިރާއްޖެއަށް ލިބޭ ހުތުރު ނަމެކެވެ. އަދި ނާޒުކު ޙަލަތުގައިވާ އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު އެތަށް ގޮތަކުން ކުރިމަތިވާނެ ކަމެކެވެ.

ދިވެހިރާއްޖެއަކީ ލޭއޮހޮރުވުމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ޤައުމެއް ނޫނެވެ. އަދި ޓެރަރިޒަމާ ލޭ އޮހޮރުވުމުގެ ޢަމަލުތަކަކީވެސް އަހަރަމެންގެ ޢަމާން މާހައުލާ ބީރަށްޓެހި ކަންކަމެވެ. ނަމަވެސް އަހަރަމެންގެ ދިވެހި މުޖުތަމަޢުގައި ތިބި މަދު ބައެއްގެ ސަބަބުން މި ފެންނަނީ މަންޒަރު ބަދަލުވަމުންދާތަނެވެ.

ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ޙަމަލާއާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި، މީހަކު މަރާލަން ބޮމެއް ގޮއްވާލުމަށް ޖެހިލުން ނުވާވަރުގެ މީހުން ރާއްޖޭގައި މިއަދު ތިބިކަމަށެވެ.

"ނިރުބަވެރި ހަމަލާއެއްދީ މީހުންގެ ފުރާނަ ގެއްލުވާލަން ޖެހިލުންނުވާ މީހުން ތިބުމަކީ ލަދުގަނެ ދެރަވާ ކަމެއް. މިފަދަ ޢަމަލުތަކުން ކާކަށް ކޮން ފައިދާއެއްތޯ އޮތީ. ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ދެކޭ، ރާއްޖޭގައި ހިނގި މި ޙާދިސާގެ ވާހަކަ މުޅި އިންޓަނޭޝަނަލް މީޑިއާތަކުގައި އޮތީ. މިއީ މުޅި ރާއްޖޭގެ ހުރިހާ ސިނާޢަތްތަކަށް ލިބޭ ގެއްލުން." ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ސިޔާސީ އިޖްތިމާޢީ އަދި ދީނީ ހަރުކަށި ފިކުރުގެ މީހުން މުޖުތަމަޢުގައި ތިބިއިރު، މިކަންކަން ހައްދުފަހަނައަޅައި ގޮސް ކުރާ ޢަމަލުތަކަކީ މުޅި މުޖުތަމަޢު ނުރައްކަލަށް ވައްޓާލުންކަމުގައި ޒަކަރިއްޔާ މަންސޫރު ސިފަކުރެއްވިއެވެ. ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ބޭރުގެ ނިރުބަވެރި ޖަމާތްތަކާ ގުޅިގެން މިފަދަ ޢަމަލުތައް ހިންގަން ޖެހިލުންނުވާ އެތަށް ބަޔަކު ރާއްޖޭގައި ތިބިކަމަށެވެ. އަދި އެފަދަ މީހުން ކޯޓުން ވީއްލުމަކީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ ޤާނޫނުތަކަށް ބަދަލުގެނެސް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު، ހެޔޮ ބަދަލުތަކެއް މިހާރު ފެންނަން ފަށާފައިވާކަމަށެވެ. އަދި މިގޮތަށް މުޖުތަމަޢުއަށް ދޫވެފައިވާ ހަރުކަށި ފިކުރުމުގެ މީހުންގެ މައްސަލަ ޙައްލުކުރުމަށް އެމްއެންޑީއެފާ ފުލުހުންނާ ސަރުކާރު ގުޅިގެން މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މި ކުރިމަތިވި ޙާލަތުން އަރައިގަނެ، ޤައުމުގެ ރީތި ނަންނަ ހިފެހެއްޓުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ޒަކަރިއްޔާ މަންސޫރުވަނީ ގޮވާލައްވާފައެވެ.