ޚަބަރު

"ރައީސް ނަޝީދަށް ޙަމަލާދޭން ބޭނުންކުރީ އައިއީޑީއެއް، ސަލްޓަމްޕާކު ގޮއްވުމަށްވުރެ އެތައްގުނައެއް ނުރައްކާ"


ރައީސް ނަޝީދަށް ޓެރަރިސްޓު ޙަމަލާއެއް ދޭން ބޭނުންކުރީ "ހޯމްމޭޑް އައިއީޑީ"އެއް ނުވަތަ އަމިއްލައަށް ތައްޔާރުކޮސްފައިވާ ގޮވާއެއްޗެއްކަމަށާ، އެއީ 2007ވަނަ އަހަރު ސަލްޓަމްޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ބާރުގަދަ އެއްޗެއްކަމަށް، ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން ބޭނުންކުރީ "ހޯމްމޭޑް އައިއީޑީ" ނުވަތަ އަމިއްލައަށް ތައްޔާރުކޮސްފައިވާ ގޮވާއެއްޗަކީ ވަރަށް ބާރުގަދަ ނުރައްކާތެރި އެއްޗެއްކަމަށެވެ.

މިއީ އަމިއްލައަށް ތައްޔާރުކޮށް ރިމޯޓްކޮންޓްރޯލް ބޭނުންކޮށްގެން ގޮއްވާލާގޮތަށް ހަދާފައި އޮތް އެއްޗެއްކަމަށާ، މި އައިއީޑީއަކީ ސަލްޓަމްޕާކުގައި 2007ގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ނުރައްކާތެރި އަދި އެތައް ގުނައެއް ބާރުގަދަކަމަށާ، އޭގައި ބޭނުންކޮށްފައިވާ މާއްދާތަކުގެ ސަބަބުން މީހުންގެ ފުރާނައަށް އޮތް ނުރައްކާ އެތައް ގުނައެއް ބޮޑުކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މި އައިއީޑީގެ ހެދުމުގައި ގިނަ ޢަދަދެއްގެ ރޭޒާފުއް ބޭނުންކޮށްފައިވާކަމަށާ، އެގޮވުމާއެކު ރޭޒާފުއްތައް ބުރައިގެން ދިއުމުން ވަރަށްނުރައްކާވާނެކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ 08:27ހާއިރު ރައީސް ނަޝީދަށް ޢަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓު ހަމަލާއެއްކަމަށް އެމްއެންޑީއެފުންވެސް މިވަނީ ވިދާޅުވެފައެވެ.

"ސަލްޓަމަ ޕާކުގައި ބޭނުންކުރި އައިއީޑީއާ އަޅާކިޔައިރު މިއީ އެތަށް ގުނަ، ބާރުގަދަ އައިއީޑީއެއްކަން ފާހަގަކޮށްލެވޭ. ދެން މި ގޮވުން ގޮއްވާފައިވަނީ ރިމޯޓް ކޮންޓްރޯލްކޮށްކަން ހާމަވޭ. ބޮޑަށް ބެލެވެނީ ކުޅިވަރު ގޭމް ކުޅެން ގެންގުޅޭ ކާރު ކަހަލަ އެއްޗެއްގެ ރިމޯޓެއް ބޭނުންކޮށްގެންކަމަށް ގޮއްވީ. މިއީ ޓައިމް އެކްސްޕްލޯސިވްއެއް ނޫން." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މި ޑިވައިޒްގެ ގޮވުން ހުރީ މައްޗަށްކަމަށާ، އޭގެ ސަބަބުން ބޮޑު ސަރަހައްދަކަށް އަސަރުކޮށްފައިވާކަމަށެވެ. އެގޮތުން ސައިކަލު ޕާކު ކޮށްފައިހުރި ކަންމަތީގައި ހުރި ފިހާރައިގެ މަތީ ސީލިންގަށްވެސް ގޮވުމުގެ އަސަރުކޮށްފައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ޝަމާލް ވިދާޅުވި މިއީ ހޯމް މޭޑް ނޮން މިލިޓަރީ އެކްސްޕްލޯސިވް ބޭނުންކޮށްގެން، ތައްޔާރުކޮށްފައިވާ އައިއީޑީއެއްކަމަށެވެ. އޭނާވަނީ ތަޙްޤިޤުގެ އަލީގައި ބަޔަކު މިޙަމަލާ ދިންގޮތާއި އެވަގުތު އެރަޙައްދުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ހަށިފާރަވެރިން ޙަރަކާތްތެރިވިގޮތް ހާމަކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރުމަށް ސިފައިން މަސައްކަތްކުރިގޮތާއި އެކަމުގެ ނުރައްކާތެރިކަން ހާމަކުރައްވާފައެވެ.