ޚަބަރު

ކޮލެޖް ޔުނިވަރސިޓީގެ ކިޔެވުން އޮންލައިންކޮށް، ޓިއުޝަން ކްލާސްތައް ހުއްޓާލަން އަންގައިފި


މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ކޮލެޖް ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގާ ޓިއުޝަން ކްލާސްތައް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އަންގައިފިއެވެ. އެޗްޕީއޭއިން މިގޮތަށް އަންގާފައިވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ޑިރެކްޓަރ ޖެނެރަަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވަނީ މިއަދުން ފެށިގެން
ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގާފައެވެ. މިބަޔާނުގައި ވަނީ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރްއާން ކުލާސްތަކުގައި ކިޔަވައި ދިނުމަށް ހުއްޓާލުމަށް އަންގާއެވެ. އަދި ޑޭކެއަރ ސެންޓަރުތަކުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް ދިނުން ހުއްޓާލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިންވަނީ މިފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުންއަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މީގެ ކުރިންވެސްވަނީ މި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންނަށް މިހާރުވެސް އަންނަނީ އޮންލައިންކޮށް ކިޔަވާދެމެންނެވެ.