ޚަބަރު

ދިވެހި ޓެސްޓް ޕޭޕަރު އެއްވެސް ދަރިވަރަކަށް ނުފެންނާނެ: އެޑިއުކޭޝަން


މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނުގެ ދިވެހި ސުވާލު ކަރުދާހުގެ ސުވާލުތައް އެއްވެސް ދަރިވަރަކަށް އަދި އޮފިޝަލަކަށްވެސް ފެނިފައިނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިމަހުގެ 3 ވަނަ ދުވަހު އޮތް އިސްލާމް ކަރުދާސް 1ގެ ބަދަލުގައި ދިވެހި ކަރުދާސް 1 އޮފިޝަލަކަށް އޮޅިގެން 2 ކުއްޖެއްގެ މޭޒުމަތީގައި ބޭއްވި މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަޤްވާމީ އަދި ޤައުމީ އިމްތިހާނުތައް އިންތިޒާމްކުރެވިފައިވާ ގޮތުން ދަރިވަރުން ސުވާލު ކަރުދާސް ކިޔާނީ އެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ޗެކްކުރުމަށްފަހު އިމްތިޙާނު ހޯލު ހިންގުމާ ހަވާލުވެ ހުންނަވާ ޗީފް އިންވިޖިލޭޓަރު އެކަމަށް އިރުޝާދު ދިނުމުންކަމަށެވެ.

އިންވިޖިލޭޓަރަށް އޮޅިގެން 2 ކުއްޖަކަށް ނުބައި ސުވާލު ކަރުދާހެއް ދިންކަމުގައި ވީނަމަވެސް ދަރިވަރުން ސުވާލުކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަކުރިކަމަށެވެ. އަދި އެ ކަރުދާސްތައް އަތުލައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިރުޝާދުގެ ދަށުން އެ ސުވާލު ކަރުދާސްތައް ބަންދުކޮށް ރައްކާކޮށްފައިވަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެދުވަހު ކަން ހިނގައިދިޔަގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ބެލި ބެލުމުން އެއްވެސް ދަރިވަރަކަށް އަދި އޮފިޝަލަކަށްވެސް ދިވެހި ކަރުދާސް 1 ގެ ސުވާލުތައް ފެނިފައިނުވާތީވެ މިހާރުވެސް ތާވަލްކުރެވިފައިވާ ގޮތަށް ދިވެހި ކަރުދާސް 1 މާދަމާ އޮންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވްލެ އިމްތިހާން ފަށާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މިފަހަރުގެ އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 5955 ދަރިވަރަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން އިމްތިޙާނު ހަދާ 2196 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން އިމްތިޙާނު ހަދާ 3759 ދަރިވަރުންނެވެ. މީގެތެރޭގައި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވާ 5479 ދަރިވަރުން ހިމެނެއެވެ.