ޚަބަރު

ކޯވިޑް-19: ނުރައްކާ އިންތިހާއަށް، 24 ގަޑިއިރުގެ ތެރޭގައި 3 މަރު


އއ.ރަސްދޫގައި ކޯވިޑް19އަށް ފަރުވާހޯދަމުންދިޔަ ބިދޭސީއަކު ނިޔާވެއްޖެއެވެ.

މިއީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން މިބަލީގަ ނިޔާވި 3 ވަނަ މީހާއެވެ.

އއ.ރަސްދޫގައި ހުންނަ އއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ އެރަށަށް އައިސް އުޅުނު އިންޑިއާގެ 60 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާއަކީ އެރަށަށް ފަތުރުވެރިއެއްގެެ ގޮތުގައި އައިސް އުޅުނު މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމްތަތައް ހުރެގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ހެދި ޓެސްޓަކުންނެވެ. އޭނާ މަރުވިއިރު ހުރީ ކޯވިޑް ކަރަންޓީން ފެސިލިޓީގައެވެ.

ރަސްދޫ ހޮސްޕިޓަލުން ވިދާޅުވީ އެމީހާގެ ހާލު މިއަދު ހެނދުނުވެސް ރަނގަޅުކަމަށެވެ. ނަމަވެސް އޭނާ ނިޔާވީ މެންދުރު ކުރީގައި ނޭވާއަށް އުނދަގުވާތީ ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް، ހަވީރު 3:45 ހާއިރުކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޯވިޑް19ގެ ޙާލަތާ ގުޅިގެން ރަސްދޫ މިވަގުތު އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. މި ކްލަސްޓަރގައި މިހާތަނަށް 22 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ 13 ދިވެހިންނާ، އިންޑިއާގެ 7މީހުންނާ، ބަންގްލަދޭޝްގެ 2 މީހުންނެވެ.

ރަސްދޫއިން މަރުވި މީހާއަކީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި 3 ވަނަ މީހާއެވެ. ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އުމުރުން 83އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މިއަދު މެންދުރު ނިޔާވެފައެވެ. އަދި ރޭ ދަންވަރު 3:28ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ ނިޔާވެފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް19ގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 77 އަށް މިވަނީ އަރާފައެވެ. އެއީ 66 ދިވެހިންނާ 11 ބިދޭސީންނެވެ.

ކޯވިޑް19ގެ ޙާލަތު ރާއްޖޭގައި ގޯސްވެ، ކޭސްތަކުގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް ނިޔާވި 77 މީހުންގެ ތެރެއިން 25 މީހުންނަކީ މިއަހަރުގެ ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ނިޔާވި މީހުންނެވެ. 2020 ވަނަ އަހަރު ނިމުނުއިރު ކޯވިޑް-19ގައި ނިޔާވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 52 އެވެ.