ވިޔަފާރި

ރޭގަނޑު 9:00އިން 12:00އަށް ވިޔަފާރިތަކުން ކުރެވޭނީ ހަމައެކަނި ޑެލިވަރީ


މާލެ ސަރަހައްދުގައި ކޯވިޑް-19އިގެ ހާލަތު ގޯސްވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް، އާންމު ވިޔަފާރި ކުރެވޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނެއްގައިވަނީ މިއަދުން ފެށިގެން މިމަހުގެ 12ވަނަ ދުވަހުގެ ނިއަލަށް މުދާ ވިއްކާ ތަންތަން އާއްމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 9:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 9:00 އިން މެންދަމު 12:00 އާއި ހަމައަށް ފުލުހުންގެ ހުއްދައާއި އެކު ޑެލިވަރީ ޚިދުމަތް ދެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެއިތުރުން ކެފޭ ރެސްޓޯރެންޓް ސައިހޮޓާ، ފަދަ ތަންތަން އާންމުކޮށް ހުޅުވައިގެން ކިދުމަތް ދެވޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށްވެސް އެމިނިސްޓްރީންވަނީ ބުނެއެވެ. ނަމަވެސް ފުލުހުންގެ ހުއްދަ އާއި އެކު މިތަންތަނުންވެސް ރޭގަނޑު 12:00 ޖެހުމާއި ހަމައަށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މިވަނީ، މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވުމާއި ގުޅިގެން އަޅަމުންދާ ޚާއްސަ ފިޔަވަޅުތަކުގެ ދަށުންނެވެ. އަދި އެޗްޕީއޭގެ އުސޫލުތަކަށް ވިޔަފާރި ތަކުން ބޯލެނބުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީ ބަދަލުގެނެސްފައިވާއިރު އެޗްޕީއޭއިންވަނީ ރޭގަނޑު 9:00 އިން ފަތިރު 4:00 ޖެހުމާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައެވެ.

ކޯވިޑް ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވެފައިވާއިރު، ބުދަ ދުވަހު އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.