ޚަބަރު

ކޯވިޑް-19 : މާލެ ސަރަޙަދުގައި ރޭގަނޑު 9އިން ފަތިހު 4އަށް ކާފިއު އިއުލާންކޮށްފި


ކޯވިޑް-19ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން މާލެ ޞަރަޙައްދުގައި ރޭގަނޑު 9:00އިން ފަތިހު 4:00 އަށް ކާފިއު އިއުލާން ކޮށްފިއެވެ.

ހެލްތްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ މާލެ ސަރަޙައްދުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 6 މެއި 2021އިން ފެށިގެން (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ހިންގުމަށްވަނީ ނިންމާފައިވާކަމަށެވެ. އަދި މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއްކަން އެއެޖެންސީންވަނީ ހާމަކޮށްފައެވެ. އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މާލޭ ޞަރަހައްދުގައި ވަކި ގަޑިތަކެއްގައި ކާފިއު އިއުލާންކޮށްފައި މިވަނީ ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ކޮންޓްރޯލެއްނެތި އިތުރުވާން ފެށުމުންނެވެ.

މީގެ އިތުރުންވެސް މާލެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން ތަފާތު 8 ކަމެއް މިހާރުވަނީ ތަންފީޒުކުރަން ފަށާފައެވެ.