ޚަބަރު

ކޯވިޑް-19 : އައިސީޔޫ އެނދުތައް އިތުރުކޮށް އިތުރު އައިސޮލޭޝަން ފެސިލިޓީތައް އޮޕަރޭޝަނަށް ގެންނަނީ


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ފަރުވާދޭންޖެހޭ މީހުން އިތުރުވަމުންދާތީ އައިސީޔޫ އެނދުތަކާއި އައިސޮލޭޝަން ފެސިލިޓީތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދަށް ބަލާއިރު ފަރުވާދޭ ތަންތަން އިތުރުކުރަންޖެހޭކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށެވެ.

އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާ ފުރިފައިވާއިވާތީ އައިސީޔޫ އެނދުތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 12 އައިސީޔޫ އެނދު މިހާރު އޮޕަރޭޝަނަށް ގެނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެފެސިލިޓީގައި އިތުރު 8 އެނދު މާދަމާ އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މިބަލީގައި އިތުރު ފަރުވާ ބޭނުންވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ބޭނުންވާ އެނދުތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދެންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭ ހޮސްޕިޓަލުގައި ވަކިން ހުރި ޢިމާރާތެއްގައި އިތުރު 50 އެނދު އޮޕަރޭޝަނަށް ގެންނަންދަނީ މަސައްކަތްކުރަމުން. އަދި އައިސޮލޭޝަން ފެސިޓީތައް އިތުރުކުރުމަށް މިދަނީ މަސައްކަތްކުރަމުން. ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލީޓީ މިވަގުތުހުރީ ގާތްގަނޑަކަށް ފުރިފައި. މިކަމާއި ގުޅިގެން ވެލިދޫ އަނެއްކާވެސް އޮޕަރޭޝަނަށް ގެންނަން މިދަނީ މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ މާދަމާ އެތަން އޮޕަރޭޝަނަށް ގެންނާނެ" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، މިދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ދުވަހުން ދުވަހަށް ރެކޯޑް ޢަދަދަކަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޭސްތައް ރިޕޯޓުކުރަމުންދާއިރު އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވަމުންދަނީ މާލެ ސަރަހައްދުގައެވެ. މިވަގުތު ރާއްޖޭގައި މިބަލިޖެހިގައިވާ 7،100އަށްވުރެ ގިނަ މީހުން ތިބިއިރު 200އެއްހައި މީހުންނަށް އެޑްމިޑްކޮށްގެންދަނީ ފަރުވާ ދެމުންނެނެވެ.