ޚަބަރު

ކޯވިޑް-19 ދިފާޢު : ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 119،000އިން މައްޗަށް


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 5000އަށްވުރެ ގިނަ މީހުން ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކުރުމާއެކު، ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު 119،000އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 5278 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 597 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 4681 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 119،518 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1011 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 245 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 766 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 299،407އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.