ޚަބަރު

ކޯވިޑް-19 : މިއަދުވެސް ނުރައްކާތެރި ރެކޯޑެއް، ޕޮޒިޓިވް މީހުން 700އިން މައްޗަށް


އިތުރު 734 މީހުން ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން އިތުރު 734 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ އަނެއްކާވެސް މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަމީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. ވޭތުވެދިޔަ 3 ދުވަހުވެސް މި ނުރައްކާތެރި ރެކޯޑުވަނީ ފެނިފައެވެ.

އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މާލޭ ސަރަޙައްދުން އެކަނިވެސް 540 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 186 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 07 މީހަކާއި، ސިނާޢީ މަސައްކަތްކުރާ ރަށްރަށުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 32،665އަށް އަރާފައެވެ.

ރާއްޖޭން ފަހަކަށް އައިސް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން 500އިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މިހާރު މިވަނީ 4 ދުވަސްވެފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައްދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ. އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަފްތާއެއްގެ މައްޗަށް ޕޮޒިޓިވްވާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 133 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 25،473މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 7،109 މީހުންނެވެ. އަދި 198 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،787 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މުޅި ޖުމްލަ 7 ލައްކައަށްވުރެ ގިނަ ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.