ޚަބަރު

މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ވިލާކޮލެޖުން 5 ކޯހެއް ކުރިއަށްގެންދަނީ


"ސްކިލްސް ފޯ އަ ރެޒިލިއަންޓް ވަރކްފޯސް" ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖުން 5 ކޯހެއް ކުރިއަށްގެންދަން ނިންމާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފިިއެވެ.

ވިލާ ކޮލެޖުން ކުރިއަށްގެންދާ މި ކޯސްތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޯސްތަކެކެވެ. މި ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ އަންނަމަހުގެ 6 ވަނަ ދުވަހުއެވެ.

އެކި ދާއިރާތަކަށް މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިލާ ކޮލެޖުން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ނެޝަނަލް ސެޓްފިކެޓް 3ގެ ކޯހެކެވެ. މީގެ ތެރޭގައި ހިމެނެނީ ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް، ހައުސްކީޕިންގ، ލައިފްގާޑިންގ، ވޯޓަރ ސްޕޯޓްސް އަދި ޓިކެޓިންގ އެންޑް ރެޒަވޭޝަން، މި ކޯސްތަކެވެ. މި ކޯސްތަކަކީ 16 ހަފްތާއަށް މުޅިން ހިލޭ ކުރިއަށްގެންދާ ކޯސްތަކެއްކަމަށް ވިލާ ކޮލެޖުން ވިދާޅުވެއެވެ.

މި ކޯސްތައް އިޢުލާން ކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ވިދާޅުވީ މިފަދަ ދާއިރާތަކެއްގެ ކޯސްތަކެއް ރާއްޖޭގައި ތިބެގެން މުޅިން ހިލޭ ކިޔަވާލެވުމަކީ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ. އަދި ދިވެހި ޒުވާނުންނަށް މި ޕޮރޮގްރާމްގެ ސަބަބުން ކުރިން ނުހުޅުވި ހުރި އެތައް ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ޑރ. ނަޖީބު ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ތަފާތު ހުނަރުތަކާއި ދާއިރާތަކަށް ދިވެހި ޒުވާނުން ތަމްރީނުވެގެން ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެކަަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެގެން ކިޔަވާނ ދަރިވަރުންނަށް ހިލޭ ކިޔެވޭއިރު ސަރުކާރުން ވަނީ މަހަކު 2000 ރުފިޔާ އެލެވަންސެއް ދަރިވަރުންނަށް ދިނުމަށް ނިންމާފައެވެ.

މިޕްރޮގްރާމްއަކީ 2019 ވަނަ އަހަރު ސަރުކާރުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ޙާލަތު ދެނެގަތުމަށް ހަޔަރ އެޑިއުކޭޝަނުން ކުރި އެނެލިސިސްއަކަށް ރިޢާޔަތްކުރެވިގެން ފަރުމާކޮށް ވޯލްޑް ބެންކްގެ އެހީގައި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ ދަށުން މީހުން ބިނާކުރުމަށް ހަޔަރ އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ ޓެކްނިކަލް ވޮކޭޝަނަލް ޓްރެއިނިންގ އިންސްޓިޓުޓް، ޓިވެޓްއާއި ވިލާ ކޮލެޖާއި މާލޭ ފިޓްނެސް ކްލަބާއެވެ. އެގޮތުން 7 ދާއިރާއަކުން 1200 ޒުވާނުން އަހަރެއްގެ ތެރޭގައި ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއިން 600 މީހުންނާއި އައިސީޓީ ދާއިރާއިން 200 މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާއިން 400 މީހުންނެވެ.