ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފައިނަލަށް މެންޗެސްޓަރ ސިޓީ



ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ސިޓީ ޖާގަހޯދީ ސެމީފައިނަލްގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި ބައްދަލުކޮށް ކުޅުނު ދެލެގް 4 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޕީއެސްޖީގެ ދަނޑުގައި ދެލަނޑު އެއްލަނޑުން ސިޓީ ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް ސިޓީ ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި 2 ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި ބަލާހިތްވާ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއެވެ. ނަމަވެސް އެޓީމުން ފޮނުވާލި އެއްވެސް ހަމަލާއެއް ސިޓީގެ ގޯލަށް އަމާޒުވެފައެއް ނުވެއެވެ. އެއާހިލާފަށް ސިޓީއިން ފޮނުވާލި ފަސް ހަމަލާއެއް ވަނީ ޕީއެސްޖީގެ ގޯލަށް އަމާޒުވެފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާ ސިޓީއަށް ލީޑު ނަގާދިނީ ފުރަތަމަ ލެގްގައިވެސް މެޗުން މޮޅުވި ލަނޑު ޖަހާދިން ރިޔާދު މަހްރެއިޒްއެވެ. ޕީއެސްޖީއިން މިމެޗްގައި ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ސިޓީގެ ޑިފެންސްއަށް ކުޅޭ ކުޅުންތެރިންވަނީ ހުރިހާ ހަމަލާތަކެއް ބޭކާރު ކޮށްލާފައެވެ. މިމެޗްގައި ސިޓީއިން ޖެހި ދެވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީވެސް ފުރަތަމަ ލަނޑު ޖެހި މަހްރެއިޒްއެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 4 ވަނަ ލަނޑެވެ. މިމެޗްގައި ޕީއެސްޖީގެ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭއަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ތަން ވަރަށް ބޮޑަށް ދެއްކިއެވެ. މިގޮތުން އެޓީމުން އުފެއްދި ގިނަ ހަމަލާތަށް ބޭކާރުވެގެންދިއުމުގައި އެމްބާޕޭ ނެތުން ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އަދި މިމެޗްގެ ދެވަނަ ހާފްގައި ކުޅުމުން ބޭރުގައި ޕީއެސްޖީގެ އެންޖެލް ޑި މާރިއާ ސިތީގެ ކެޕްޓަން ފެނާންޑީނިއޯއަށް ފައުލް ކުރުމުން އޭނާއަށްވަނީ ރަތްކާޑު ދައްކާފައެވެ.
މިކާމިޔާބީއާއެކު ސިޓީ މިވަނީ މިމަހުގެ 29 ވަނަ ދުވަހު އިސްތަންބޫލްގައި އޮންނަ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލްގައި ސިޓީ ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ދެވަނަ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި ރޭގެ މެޗްގައި ނުކުޅެވުނު ކުޅުންތެރިންނަކީވެސް ދަނޑުމަތިން ފެއްނަންޖެހޭ ފެންވަރުގެ ކުޅުންތެރިންކަމަށާއި އަދި މިއީ މުޅި ޓީމްގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަކީ ފަސޭހަ ކަމެއް ކަމަށް ގިނަ ބަޔަކަށް ހީވިނަމަވެސް މިއީ ފަސޭހަ ކަމެއް ނޫން ކަމަށާއި ސިޓީއާއެކު އޭނާ މިހޭދަކުރި ފަސްވަރަކަށް ސީޒަންގައި ކުރި މަސައްކަތް ބޭކާރުވެގެން ނުދާކަން މިހާރު އެގިއްޖެކަމަށްވެސް ޕެޕް ހާމަކުރިއެވެ.