ޚަބަރު

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށް ހަމްދާން


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ހަމްދާން ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ހަމަޖައްސަވާފައި މިވަނީ، ކުރިން އެމަޤާމުގައި ހުންނެވި އައިމިނަތު ޝައުނާ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ.

ހަމްދާން ވަނީ ޔުނިވާސިޓީ އޮފް މެންޗެސްޓަރއިން މާސްޓަރ އޮފް އާރޓްސް (ޑިމޮކްރަސީ އެންޑް އިލެކްޝަންސް) ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން ބެޗްލާ އޮފް އާރޓްސް (ޕޮލިސީ ސްޓަޑިޒް) ހާސިލްކުރައްވާފައެވެ. މީގެއިތުރުން ބްރިޓިސް ހައިކޮމިޝަނާއި ޔޫއެންޑީޕީ އަދި އެހެނިހެން ވެސް މަދަނީ ޖަމްއިއްޔާތަކުގައިވެސް ހަމްދާން ވަނީ މަސައްކަތްކުރައްވާފައެވެ.

ހަމްދާން މިހާތަނަށް ހުންނެވި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ. ނަމަވެސް މިއަދު ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ހަމަޖައްސަވާފައިވާއިރު، އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަޤާމެކެވެ.