ވިޔަފާރި

ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސައުދީ މާކެޓް މުހިއްމު


އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކޮށް، އަހަރުގެ ޓާގެޓް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ނިމުނުއިރު އަދި މިއަހަރުގެ ފުރަތަމަ 4 މަސް ދުވަސްތެރޭވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް އިންޑިއާގައި މިހާރު ކޯވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުން ދިޔުމުން، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށަށްގޮސްފައެވެ. މިއާއެކު މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ.

ރާއްޖޭގެ ނަމްބަރ 1 މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔުމުން މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ނަމްބަރުތަކަށް އަސަރުކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލްކުރެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަނަމަވެސް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް އަދި އެހާ ބޮޑު ދަށްވުމެއް ނާންނަކަމަށެވެ.

"އިންޑިއާ ފަތުރުވެރިންނަށް މިހާރު ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކަށް ޗެކިން ނުވެވޭނެ، މީގެ ސަބަބުން ކޮންމެވެސް ވަރެއްގެ އެނގުމެއް ވާނެ، މަސައްކަތްކުރަމުން މިދަނީ އެއް މަރކެޓް ވަގުތީގޮތުން ބަންދުވުމުން ކޮންމެވެސް އާ މަރކެޓެއް ހޯދައިގެން ފޫބެއްދުމެއް، އަސަރު ޖުމްލަ އަރައިވަލްސްތަކުން ނުފެންނާނެ ގޮތަކަށް،" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ ސައުދީ އަރަބިއްޔާ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެޤައުމުން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

"ވަރަށް ގިނަ ދުވަހު ބަންދުވެފައިއޮތް، ވަރަށް ހައި ސްޕެންޑިންގ މަރކެޓެއް ސައުދީ އަރަބިއްޔާއަކީ، ސައުދީ އަރަބިއްޔާ ހުޅުވެން އެބަ ތައްޔާރުވޭ، ޓޫރިޒަމް މިނިސްޓްރީ އާއި، އެމްއެމްޕީއާރުސީ އާއި ޑިޕްލޮމެޓިކް މިޝަންތަކާއި ގުޅިގެން ވަރަށް މަސައްކަތްކުރެވޭ، ސައުދީ ހުޅުވެންވާއިރަށް އެ މަރކެޓް ބޮޑު މަކެޓެއްގެ ގޮތުގައި ހޯދުމަށް، އެހެން ދިމާތަކުން ގެއްލޭ އެއްޗެހި ކަވާ ކުރެވޭނެ ކަމަށް ބެލެވެނީ،" ރައްޒާން ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ މިމަހުގެ 17 ވަނަ ދުވަހު އެޤައުމުގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ކޯވިޑުގެ ބަލިމަޑުކަން ފެތުރެންފެށުމުގެ ކުރިން، ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ބޮޑުތަނުން އިތުރުވަމުން ދިޔަ މާރކެޓެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދެމަސް ދުވަސްތެރޭ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ވަނީ 6697 ފަތުރުވެރިން އައިސްފައެވެ. މިއީ 2019 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް އައި 3431 ފަތުރުވެރިންނަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

ރާއްޖެއިން ވަނީ މިއަހަރު ނިމޭއިރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ސަރުކާރާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިއްސާވާ ކުންފުނިތަކުންދަނީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.