ޚަބަރު

ސިންގަޕޫރުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސިންގަޕޫރުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

ސިންގަޕޫރުގައި މިހާތަނަށް 61،252 މީހުންނަށް ކޯވިޑް-19 ޖެހި 31 މީހުންވަނީ މަރުވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރުގައި ވަޒީފާ ޢަދާކުރާ ގިނަ ޢަދަދެއްގެ ހިޖުރަވެރިންގެ މެދުގައި ކޯވިޑް-19 ފެތުރުމަށްފަހު އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އޭގެ ފަހުން އެ ޤައުމުގައި ބަލިޖެހުނު ގިނަ މީހުންނަކީ ބޭރު ޤައުމުތަކުން އެ ޤައުމަށް ދަތުރުކޮށްފައިވާ މީހުންނާއި އެކަހެރިވުމުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހުންނެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު މުޖުތަމަޢުގެ ތެރެއިން އަނެއްކާވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. އިންޑިޔާއިން ފެނިފައިވާ ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްވެސް އެ ޤައުމުގައި ދަނީ ފެތުރެމުންނެވެ.

ސިންގަޕޫރުގައި އަލަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މެއި މަހުގެ 8ވަނަ ދުވަހުން ފެށިގެން ފަސް މީހުންނަށްވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅުން މަނާކުރުމާއި ކަސްރަތުކުރާ މަރުކަޒުތައް ބަންދުކުރުން ހިމެނެއެވެ. އޭގެ އިތުރުން ނުރައްކާތެރި މިންވަރަކަށް ބަލި ފެތުރެމުންދާ ޤައުމުތަކުން ސިންގަޕޫރަށް ދަތުރުކުރާ މީހުންގެ ކަރަންޓީނު މުއްދަތު 14 ދުވަހުން 21 ދުވަހަށް އިތުރުކުރުމަށްވެސްވަނީ ނިންމައިފައެވެ. ސިންގަޕޫރުގެ ސަރުކާރުން ބުނީ ޤައުމުގެ ޙާލަތު އިތުރަށް ގޯސްވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ފަސްނުޖެހޭނެކަމަށެވެ.

ފަހުގެ ދުވަސްތަކުގައި ސިންގަޕޫރުގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެ ޤައުމުގެ މައި ހަސްފަތާލަކުން ބަލިޖެހިފައިވާ މީހުން ހިމެނެއެވެ. އެ ހަސްފަތާލުން ބަލިޖެހުނު 40 މީހުންގެ ތެރެއިން 9 މީހުންނަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނެވެ. އޭގެ ސަބަބުން އެ މީހުންގެ ފަރާތުން ބަލީގެ ބޮޑެތި ޢަލާމާތްތަކެއް ނުފެންނަކަމަށް ސިންގަޕޫރުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށާއި ބަލީގެ ސަބަބުން ޙާލުދެރަވުން ހުއްޓުވުމަށް ވެކްސިނަކީ ވަރަށް މުހިންމު ވަޞީލަތެއްކަން ހާމަވާކަމަށް އެ ވުޒާރާއިން ބުނެއެވެ.