ވިޔަފާރި

މީރާ ކައުންޓަރ ޙިދުމަތް ހުއްޓާލައި، އޮންލައިންކޮށް ހުރިހާ ޙިދުމަތެއް ދެނީ


ކޯވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ދަށުން މީރާގެ ހުރިހާ ޙިދުމަތެއް އޮންލައިންކޮށް ދިނުމަށް، މީރާއިން ނިންމައިފިއެވެ.

މީރާއިން މިގޮތަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ހުޅުވައިގެން ހިދުމަޔް ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމަށް އެއްބާރުލުން ދިނުމަށްކަމަށް މީރާއިން ބުނެއެވެ. އެގޮތުން މީރާގެ ހުރިހާ ޙިދުމަތެއްވެސް އޮންލައިކޮށް ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެކަމަށް މީރާއިން ހާމަކުރެއެވެ.

މިގޮތުން ޓެކުހާއި ފީތައް މީރާ ކަނެކްޓު އަދި ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މީރާ އިން ބުނެއެވެ. އަދި މިނޫން ޙިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ކައުންޓަރ ޙިދުމަތް މެދުކަނޑާލި ނަމަވެސް، މީރާގެ ހޮޓްލައިން 1415 ރަސްމީ ގަޑިތަކުގައި ޙިދުމަތް ދޭނެކަމަށް މީރާއިން ފާހަގަކުރެއެވެ. މާލޭ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން، މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން ޙިދުމަތް ނުދިނުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މީރާގެ އިތުރުން ސަރުކާރުގެ ގިނަ އޮފީސްތަކުން ވަނީ ޙިދުމަތް ދިނުމުގެ އުސޫލަށް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ބައެއް ތަންތަނުން ޒަރޫރީ ބޭނުންތަކަށް އެޕޮއިންޓްމެންޓު އުސޫލުން ޙިދުމަތް ދިނުމަށް ނިންމާފައި ވާއިރު، ބައެއް ތަންތަނުން ކައުންޓަރ ޙިދުމަތް ވަނީ މެދުކަނޑާލާފައެވެ.