ޚަބަރު

އައު ކައުންސިލަރުން ހުވާކުރުން މިމަހުގެ 17ވަނަ ދުވަހު އޮންލައިންކޮށް


މިދިޔަ މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުުރުގެ ރަސްމިއްޔާތު މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އެއިދާރާއިން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިޔާތު 17ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އަންގާފައިވާނެކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މިހާލަތުގައި ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަން ހަމަޖެއްސުމަށް މާދަމާ ސްޕްރީމް ކޯޓާއެކުވެސް ބައްދަލުުވުމެއް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މޮނިޓަރިންގައި އޮތް ރަށްރަށުގައިވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުން އާ ކައުންސިލަރުން ހުވައިކުރުމާ ހަމައަށް ދެމިތިބޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

މިއިންތިޚާބުގައި ވެރިކަން ކުރާ މައިޕާޓީ އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 325 ގޮނޑިއެވެ. މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19 އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތު ހަމަވާ މީހުންގެ %39 އެވެ.